ޚަބަރު

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދެވަނަ ދައުރަކަށް މަޤާމުގެ ހުވާކުރައްވައިފި


އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރަކަށް މަޤާމުގެ ހުވާކުރައްވައިފިއެވެ.

އެ މަނިކުފާނަށް ސަރުކާރު އެކުލަވާލުމުގެ ދަޢުވަތު އަރުވާފައިވަނީ، އިންޑިޔާގައި ބޭއްވި ޢާއްމު އިންތިޚާބު ކާމިޔާބުކުރި، އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ބަރަތިޔާ ޖަނަތަ ޕާޓީ (ބީ.ޖޭ.ޕީ) އިސްވެ އުފައްދާފައިވާ ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސް (އެން.ޑީ.އޭ)ގެ ލީޑަރުގެ ހައިސިއްޔަތުންނެވެ.

މޯދީ ދެ ވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާފައިވާއިރު، އެމަނިކުފާނުގެ ސަރުކާރަށް މި ފަހަރު ކުރިމަތިވާނޭ އެންމެ ބޮޑު ގޮންޖެހުންތަކަކަށް ވާނީ، ދުވެލި މަޑުވެފައިވާ އެ ޤައުމުގެ އިޤްތިޞާދާއި، ހީނަރުވެފައިވާ ދަނޑުވެރިކަމުގެ ސިނާޢަތާއި، ވަޒީފާ ނެތް މީހުންގެ ޢަދަދު އިތުރުވަމުންދާ ދުވެއްޔާއި، ޕާކިސްތާނާއި އިންޑިޔާއާ ދެމެދު އުފެދި ގޯސްވަމުންދާ މައްސަލަތައްކަމަށް ގިނަ މުފައްކިރުން އިއްތިފާޤުވެއެވެ. އެހެންކަމުން މޯދީގެ ނިމިދިޔަ ސަރުކާރުން ތަޢާރަފުކުރި ޓެކުހުގެ ނިޒާމުތައް ފަދަ ފިޔަވަޅުތަކަށް ބާރުދޭނޭ އިޤްތިޞާދީ ފިޔަވަޅުތަކެއް މި ސަރުކާރުން އަޅާނޭކަމަށް ވަނީ ބެލެވިފައެވެ. އަދި، އެ ޤައުމުގެ މީސްމަދު މުސްލިމް އާބާދީ އާއި ބީ.ޖޭ.ޕީއަށް ތާއީދުކުރާ، ހަރުކަށި ވިސްނުމުގެ ހިންދޫންނާ ދެމެދު ސުލްޙަ މަސަލަސްކަން ދެމެހެއްޓުމަކީވެސް މޯދީއަށް އޮތް ބޮޑު އިމްތިޙާނެއްކަމަށް މުފައްކިރުން ދެކެއެވެ.

ޢުމުރުފުޅުން ފަސްދޮޅަސް އަށް އަހަރުގެ މޯދީއަށް މަޤާމުގެ ހުވާ ލައިދެއްވީ އިންޑިޔާގެ ރައީސް ރާމް ނާތު ކޯވިންދެވެ. ރަސްމިއްޔާތު ބާއްވާފައިވަނީ ރިޔާސީ ގަނޑުވަރު ރާޝްޓްރަޕަތީ ބަވަންގެ ކުރިމަތީގައެވެ.

މި ރަސްމިއްޔާތުގައި އިދިކޮޅު ލީޑަރުންކަމުގައިވާ މަންމޯހަން ސިންގާއި، ކޮންގްރެސް ޕާޓީގެ ލީޑަރު ރާހޫލް ގާންދީގެ އިތުރުން، މަޝްހޫރު ވިޔަފާރިވެރިނންނާއި، ފިލްމީ ތަރިންނާއި، ބިމްސްޓެކް ޤައުމުތަކުގެ ލީޑަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.