ޚަބަރު

އިތުރަށް މޫސުން ގޯސްވެ އައްޑޫސިޓީއަށް ޔެލޯ އެލަރޓް ނެރެފި


އައްޑޫ ސިޓީއަށް މޫސުން ގޯސްވުމުގެ ސަބަބުން ޔެލޯ އެލަރޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ހަވީރު 17:00 އިން ފެށިން ގޮސް މިރޭ 19:00 އާއި ހަމައަށެވެ.

މުސުމާބެހޭ ޤައުމީ އިދާރާއިން ބުނީ އައްޑޫ ސިޓީއަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭއިރު ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށެވެ.

ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭއިރު އެ އިދާރާއިން ވަނީ މިއަދު 14:15 އިން ފެށިގެން 19:00 އާއި ހަމައަށް ތ. އަތޮޅުން ފެށިގެން އައްޑޫސިޓީ އާއި ހަމައަށް ވައިޓް އެލާޓް ވެސް ނެރެފައެވެ.

ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު ހުޅަނގުދެކުނާއި ހުޅަނގުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން އަތޮޅުތަކުގައި ގަޑިއަކު 7 މޭލާ 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.

މީގެ އިތުރުން މެދުތެރޭގެ ކަނޑުުތައް އާއްމުގޮތެއްގައި ގަދަވާނެކަމަށް ލަފާކުރެވޭއިރު އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފަައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ.