ވިޔަފާރި

5 ދުވަހުގެ ތެރޭގައި 6 މިލިއަނަށްވުރެ ގިނަ ރުފިޔާ އެލައިޑުން ދޫކޮށްފި


މިމަހުގެ 19 އިން 23 އަށް އެލައިޑްގެ ކަސްޓަމަރުންނަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 6 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް އެލައިޑުން ބުނެފިއެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ޚިދުމަތް ދެމުން އަންނަ އެލައިޑުން ބުނީ 5 ދުވަހުގެ ތެރޭގައި އެކުންފުނީގެ ކަސްޓަމަރުންނަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ ހަ މިލިއަން ތިންސަތޭކަ ފަންސާސް ހާހަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށެވެ.

އެލައިޑުން ބުނީ މިއީ ގެއްލުން ލިބުނު ކަސްޓަމަރުންނަށް ދޫކުރަންޖެހޭ އަދަދުގެ އެއްބައިކަމަށެވެ. މިއީ މިމަހުގެ ތެރޭގައި އެލައިޑުން ކަސްޓަމަރުންނަށް ބަދަލުގެ ގޮތުގައި 5 ދުވަހުގެ ތެރޭގައި ދޫކުރި އެންމެ ބޮޑު އަދަދުކަމަށްވެސް އެލައިޑުން ބުނެއެވެ. މިމަހުގެ 5 އިން 9 އަކަށް އެ ކުންފުނިން ވަނީ ކަސްޓަމަރުންނަށް އެއް މިލިއަން ހަތަރުސަތޭކަ އަށްޑިހަ ހަތްހާހަސް ރުފިޔާ އިންޝުއަރެންސްގެ ގޮތުގައި ކަސްޓަމަރުންނަށް ދޫކޮށްފައެވެ.

އެލައިޑުން އަންނަނީ ވިޔަފާރި ކުންފުނިތަކަށާއި އެކިއެކި ދާއިރާތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށްވެސް އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

އަމިއްލަ ފަރުދުންނަށް ޚާއްސަކޮށް އެލައިޑުން ފޯރުކޮށްދޭ މުހިންމު ބައެއް އިންޝުއަރެންސް ޚިދުމަތްތަކަށް ބަލާއިރު، ގެދޮރާއި އުޅަނދުފަހަރާއި މުދަލުގެ އިތުރުން ހައްޖާއި އުމްރާއަށް ހާއްސަ އިންޝުއަރަންސް ސްކީމްތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އެކްސިޑެންޓްތަކުގެ ސަބަބުން ލިބޭނެ ގެއްލުމާއި، ކުއްލި ހާލަތެއްގައި މީހަކު މަރުވެއްޖެނަމަ އެފަރާތެއްގެ އާއިލާއަށް އެހީތެރިވެދިނުމަށް ހާއްސަ ސްކީމްވެސް އެލައިޑުންދަނީ ފޯރުކޮށްދެމުންނެވެ.