ޚަބަރު

ވީޑީއޯ މެދުވެރިކޮށް ދަނޑުވެރިކަމުގެ މަޢުލޫމާތު ދަނޑުވެރިންނަށް


ދަނޑުވެރިކަމުގެ މަޢުލޫމާތު ދަނޑުވެރިންނަށް ފޯރުކޮށްދޭގޮތް ބަދަލުކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރައިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެ މިނިސްޓްރީގެ އެކްސްޓެންޝަން އެޑަބްޓެޑް ރިސާޗް ސެކްޝަންގެ ޑިރެކްޓަރ ޢަލީ އާމިރު ވިދާޅުވީ، ކުރިން ދަނޑުވެރިކަމުގެ މަޢުލޫމާތު ދަނޑުވެރިންނަށް ފޯރުކޮށްދެނީ ތަފާތު ލީފްލެޓް އަދި މެގަޒިންތައް މެދުވެރިކޮށްކަމަށެވެ.

ތަމްރީން ޕްރޮގުރާމްތަކުގެ ތެރެއިން ފޯރުކޮށްދެވޭ ލީފްލެޓްތަކުގެ ބޭނުން ގިނަފަހަރު ނުހިފޭކަމަށާއި، މިއީ އެހައި ބޭނުންތެރި ގޮތެއްކަމަށް އެ މިނިސްޓްރީއަށް ނުފެންނާތީ ދަނޑުވެރިންނަށް މައުލޫމާތު ފޯރުކޮށްދޭގޮތް ބަދަލުކުރުމަށް އެ މިނިސްޓްރީން ނިންމާފައިވާކަމަށް އާމިރު ވިދާޅުވިއެވެ. ލީފްލެޓް ބެހުމުގެ ބަދަލުގައި މިހާރު ވީޑިއޯ ކްލިޕްތަކެއްގެ އެހީގައި ދަނޑުބިމުގައި މަސައްކަތްކުރާ މަންޒަރުތަކާއި އެކީގައި އެ މައުލޫމާތު ދަނޑުވެރިންނަށް ފޯރުކޮށްދެމުން އަންނަކަމަށް އާމިރު ވިދާޅުވިއެވެ.

މިގޮތައް މިހާތަނަށް 18 ވީޑިއޯ ކްލިޕެއް އެ މިނިސްޓްރީން ވަނީ ތައްޔާރުކޮށްފައެވެ. މިނިސްޓްރީގެ ޔޫޓިއުބް ޗެނަލުންވެސް މި ވީޑިއޯ ކްލިޕްތައް އާންމުނަށް ބަލާލެވޭނެއެވެ. އަދި ސީޑީއަށް އަޅައިގެންނާއި ތަމްރީން ޕްރޮގުރާމް ހިންގާ ރަށްރަށުގައިތިބި ދަނޑުވެރިންގެ ތެރެއިން ވީޑިއޯ ބޭނުންވާ ދަނޑުވެރިންނަށް އެ މިނިސްޓްރީން ވީޑިއޯ ކްލިޕްތައް ފޯރުކޮށްދެމުންއަންނަކަމަށް އާމިރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ފަށައިގެން މިއުޅެނީ ވީޑިއޯ ކްލިޕްތަކެއްގެ އެހީގައި ސީދާ ދަނޑުބިމުގައި މަސައްކަތްކުރާ މަންޒަރުތަކާއި އެކީގައި އެ މައުލޫމާތުތައް ދަނޑުވެރިންނާއި ހިސާބަށް ގެންގޮސްދިނުން. މިނިސްޓްރީގެ ޔޫޓިއުބް ޗެނަލަށްވެސް އަޅުގަނޑުމެން މިއަންނަނީ ކްލިޕްތައް އަޅަމުން. އަދި ސީޑީއަށް ރައިޓްކޮށްފަ މިކޮޅަށް ވަޑައިގަންނަވާ ފަރާތްތަކަށްވެސް އަދި ރަށްރަށުން ބޭނުންވާ ފަރާތްތަކަށްވެސް އެބަ ފޯރުކޮށްދެން." ޢަލީ އާމިރު ވިދާޅުވިއެވެ.

މިހާރު 18 ވީޑިއޯ ކްލިޕް އިންނަމަވެސް މިއަހަރުގެ ތެރޭގައި އިތުރު ވީޑިއޯތަކެއް ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެވީޑިއޯ ކްލިޕްތައް ނިމުނުހާ އަވަހަށް އާންމުނަށް ފޯރުކޮށްދޭނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.