ޚަބަރު

ދިވެހި އައު ލަފްޒުތައް ހަދާއިރު އާއްމުންގެ ޚިޔާލު މިހާރަށްވުރެ ބޮޑަށް ހޯދަންޖެހޭ - މިނިސްޓަރ ޔުމްނާ


ދިވެހި އައު ލަފްޒުތައް ހަދާއިރު، އާއްމުންގެ ޚިޔާލު މިހާރަށްވުރެ ބޮޑަށް ހޯދުމަށް ދިވެހިބަހުގެ އެކަޑަމީއަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން ލަފާދެއްވައިފިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ނަންބޯޑުތަކުގައި ހުރި ދިވެހި އައު ލަފުޒުތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ދިވެހިބަހުގެ އެކަޑަމީއަށް ވަނީ އަމާޒުވެފައެވެ. މިކަމާގުޅިގެން ކުރެއްވި ޓުވީޓެއްގައި މިނިސްޓަރ ޔުމްނާ ވިދާޅުވީ، އެކަމުގައި ބަހުގެ އެކަޑަމީގެ ބޯޑުމެންބަރުންނާ މަޝްވަރާ ކުރެއްވުމަށް އެކަޑަމީގެ ރައީސްއަށް ލަފާދެއްވާފައިވާކަމަށެވެ. އަދި އައު ލަފްޒު ހަދާއިރު، މިހާރަށްވުރެ ބޮޑަށް އާންމުންގެ ޚިޔާލު ހޯދޭނެ ގޮތަކަށް އުސޫލަށް ބަދަލު ގެންނަވަންވެސް ލަފާދެއްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޔުމްނާ މަޢުމޫން ވަނީ ބަސްކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ބަސްކޮމެޓީގެ މަސައްކަތް ހިނގާގޮތާއި ގުޅޭގޮތުންވެސް މަޢުލޫމާތު އޮޅުން ފިލުއްވާފައެވެ. މިނިސްޓަރ ވިދާޅުވީ އައު ލަފްޒު ހެދުމުގެ އުސޫލުތަކަށް ބަދަލު ގެންނަން ޖެހޭކަމަށް ޤަބޫލުކުރައްވާކަމަށާއި، ލަފްޒު ހަދަންވާނީ ގިނަ ބަޔަކަށް ކިޔަން ފަސޭހަ ގޮތަކަށް، އާންމުންގެ ޚިޔާލާވެސް އެކުގައި ކަމަށެވެ.

މިހާރު ދަރުމަވަންތަ ހޮސްޕިޓަލުގައި ހުރި ބައެއް ބޯޑުތަކުގައި ހުރި އައު ލަފުޒުތަކަކީ އައި.ޖީ.އެމް.އެޗްގެ އެދުމުގެމަތިން ބަސްކޮމެޓީގެ ފަންނީ ކޮމެޓީން ކޮށްފައިވާ މަސައްކަތެކެވެ. އަދި މިކަންކޮށްފައިވަނީ ކަމާބެހޭ ބޭފުޅުންގެ ލަފައާއި އިރުޝާދުގެ މަތިންކަމަށް ބަހުގެ އެކަޑަމީން ވިދާޅުވިއެވެ. ނަމަވެސް އެ ބަސްތަކަކީ ކިޔަން އުނދަގޫ އަދި މާނަ އޮޅޭފަދަ ބަސްތަކެއްކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ބަހުގެ އެކަޑަމީން އަލަށް ތަޢާރަފުކުރި ބަސްތަކަށް ބައެއް ފަރާތްތަކުން ޖޯކުވެސް ޖަހަމުންދާކަން ފާހަގަކޮށްލެވެއެވެ.

މިކަމާގުޅިގެން ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފު ޢަލީ ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގެ ނަންބޯޑުތަކުގައި ދިވެހިބަހުން ހުރި ލިއުންތަކާ ގުޅޭގޮތުން އާންމުން ފާޅުކުރާ ބިނާކުރަނިވިި ޚިޔާލުތަކަށް މަރުހަބާ ކިޔާކަމަށެވެ. ނަމަވެސް ދިވެހިބަހުގެ ގަދަރު ކެނޑޭ ޒާތުގެ ނާތަހުޒީބުކަންކަން ނުކުރުމަށް އަޝްރަފު ވަނީ އާއްމުންގެ ކިބައިން އިލްތިމާސްކުރައްވާފައެވެ.