ކުޅިވަރު

ނިލަންދޫގެ ކޯޗަކަށް ފެސްކޯ ހަމަޖައްސައިފި


އަންނަ މަހު ފަށާ ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރާ ނިލަންދޫގެ ކޯޗަކަށް އަހުމަދު މުޖުތަބާ (ފެސްކޯ) ހަމަޖައްސައިފިއެވެ.

ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރާ ހުރިހާ ޓީމަކުންވެސް ޕްރެކްޓިސް ފަށާފައިވާއިރު، ފެސްކޯއާއިއެކު ނިލަންދޫގެ ފަރިތަކުރުންތައް ފަށާނީ މިއަދުއެވެ.

ނިލަންދޫއަކީ އެންމެ ފަހުން މިފަހަރުގެ ލީގަށް ތައްޔާރުވާން ފެށި ޓީމެވެ. ސީޒަން ފެށުން ލަސްވި މައިގަނޑު ސަބަބަކީ ކްލަބް ލައިސަންސިން ކަންތައްތައް ފުރިހަމަނުވާނެތީ އެކަންކަން ފުރިހަމަކުރުމުގައި އުނދަގޫތަކެއް ދިމާވުންކަމަށް ނިލަންދޫން މައުލޫމާތުދެއެވެ.

ނިލަންދޫގެ ކޯޗަކަށް މިދިޔަ އަހަރު މަސައްކަތްކުރީ އާދަމް އަބްދުލްލަތީފް (ލައްޗޭ)އެވެ. ލައްޗޭއާއިއެކު ނިލަންދޫ މިދިޔަ އަހަރުގެ ސީޒަން ނިންމާލީ ގަދަ ހަ ޓީމްގެ ތެރޭގައި ހިމެނިގެންނެވެ.

ފެސްކޯއާއިއެކު މިއަދު ނިލަންދޫ ޕްރެކްޓިސް ފަށާއިރު އެ ޓީމާއި ގުޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މިއަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވާ މެޗުގެ ފުރަތަމަ ލެގު މި މަހުގެ ހަތްވަނަ ދުވަހު ކުޅޭއިރު، ލީގުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ނިލަންދޫއާއި ދަ ގްރާންޑޭއެވެ.