ޚަބަރު

ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ހޯމް މިނިސްޓްރީން އިލްތިމާސްކޮށްފި


ސަރުކާރުން ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތަށް ހުރަސްއެޅުމުގެ ބަދަލުގައި، އެ މަސައްކަތަށް އެއްބާރުލުން ދިނުމަށް ހޯމް މިނިސްޓްރީން އިލްތިމާސްކުރައްވައިފިއެވެ.

"'ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019" އާގުޅޭގޮތުން ބައެއް ފަރާތްތަކުން އާންމުކުރަމުންގެންދާ މައުލޫމާތުތަކާ ގުޅިގެން ހޯމް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި އެމިނިސްޓްރީން ވިދާޅުވީ، ޖަލުތަކުގެ ޙާލަތު ރަނގަޅުކޮށް ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުއާހަދާތަކާއި ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްހަމަ މިންގަނޑަކަށް ދިވެހިރާއްޖޭގެ ޖަލުތަކުގެ ހާލަތު ބަދަލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެކިއެކި ސަބަބުތަކާހުރެ ޖަލުތަކުގައި ބަންދުކުރެވޭ މީހުން އަނބުރާ މުޖުތަމައަށް ނިކުންނައިރު މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހެދުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށެވެ.

އަދި އެ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި، ޖަލުތަކުގެ ހާލަތު ދެނެގަތުމަށް ހޯމް މިނިސްޓަރު އެކުލަވާލެއްވި ކޮމިޝަނަކީ ފަންނީ ގޮތުން ޤާބިލު ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކޮމިޝަނެއްކަމަށާއި، އެ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓަކީ ތަފާތު އެކި ގޮތްގޮތުން އެއްކުރެވިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ޖަލުތަކުގެ ޙާލަތާއި، އެޙާލަތު އެގޮތުގައި އޮތް ސަބަބުތަކާއި އަދި އެކަންކަން އިސްލާހުކުރުމަށް އަޅަންވީ ފިޔަވަޅުތައްވެސް ހިމެނޭގޮތަށް އެކުލަވާލާފައިވާ ތަފްސީލީ ރިޕޯޓެއްކަމަށް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވެފައިވަނީ "ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019" ގައި ފާހަގަކޮށްފައިވާ މައްސަލަތަކަކީ އިސްލާހުކުރަން ޖެހޭކަންކަން ކަމުގައި ބަލައިގަނެ އެކަންކަން އިސްލާހުކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީއިން ކުރަމުން ގެންދާކަމަށާއި، އެހެންކަމުން މިނިސްޓްރީން ކުރަމުންދާ އެމަސައްކަތާ ގުޅުންހުރި އެހެން ފަރާތްތަކުންވެސް އެކަމަށް އެއްބާރުލުން ދިނުން މުހިންމު ކަމަށެވެ.

ހޯމް މިނިސްޓްރީގެ ބަޔާނުގައި ވަނީ މި ރިޕޯޓުގައި އެކި ފަރާތްތަކާ ހަވާލާދީ ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް އިންކާރުކޮށް ރިޕޯޓުގެ ހުށަހެޅުންތަކާމެދު ސުވާލު އުފައްދާ، ސަރުކާރުން ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތަށް ހުރަސްއެޅުމުގެ ބަދަލުގައި، ސަރުކާރުން ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރަމުންގެންދާ މަސައްކަތަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.

ހޯމް މިނިސްޓްރީން މި ބަޔާނެއް ނެރެފައިމިވަނީ ރާއްޖޭގެ ޖަލުތައް އޮޑިޓް ކުރުމަށް އެކުލަވާލި ކޮމިޝަނުން ޢާންމުކޮށްފައިވަނީ ހަގީގަތާއި ޚިލާފް ދޮގު ރިޕޯޓެއް ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އެޗްއާރްސީއެމުން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

"ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019" އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ސަރުކާރުގެ މަސައްކަތު ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުގެ ތެރޭގައި ހިމަނައިގެން އެކުލަވާލާފައިވާ ރިޕޯޓެކެވެ. މި ރިޕޯޓު ތައްޔާރުކޮށްފައިވަނީ އެކަމަށްޓަކައި ހޯމް މިނިސްޓްރީން އެކުލަވާލި ކޮމިޝަނަކުންނެވެ.