ޚަބަރު

އަދީބަށް ކުރި ހިޔާނާތުގެ ހުކުމްވެސް ބާތިލުވެ ޖަލުން މިނިވަންވެއްޖެ


އެމް.އެމް.ޕީ.އާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ކުރީގެ ނާއިބް ރައިސް އަޙްމަދު އަދީބުގެ މައްޗަށް ދަށުކޯޓުން ކޮށްފައިވާ 8 އަހަރުގެ ޖަލު ހުކުމް ބާޠިލުކޮށް އެ މައްސަލަ އަލުން ބަލަން ހައިކޯޓުން އަމުރުކޮށްފިއެވެ.

8 އަހަރަށް އަދީބު ޖަލަށްލުމަށް ކުރިމިނަލްކޯޓުން 2016 ވަނަ އަހަރު ހުކުމްކުރީ ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ރިސޯޓެއް ހަދާ ތަރައްޤީ ކުރުމުގެ ގޮތުން ޅ. މާބިންހުރާ ކުއްޔަށް ހިފުމަށް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކު ރިލޭޝަންސް ކޯޕަރޭޝަނަށް ދެއްކި ފަސް މިލިޔަން އެމެރިކާ ޑޮލަރުގެ ޗެކުގެ ފައިސާ އެމްއެމްޕީއާރުސީއަށް ލިބިފަނުވާތީ އެފައިސާއަށް ޚިޔާނާތްތެރިވިކަން ސާބިތުވުމުންނެވެ.

މިމައްސަލާގައި އަދީބުގެ އިތުރުން އަދީބާއި ގާތްގުޅުމެއް އޮތް ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލް 2 އަހަރަށް ޖަލަށްލުމަށް އަދި އެމްއެމްޕީއާރުސީގެ ކުރގެ މެނޭޖިން ޑިރެކްޓަރ އަބްދު الله ޒިޔާތު 8 އަހަރަށް ޖަލަށްލުމަށްވެސް ކުރިމިނަލްކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ނިންމަށް ހައިކޯޓުންވަނީ ތާއީދުވެސް ކޮށްފައެވެ.

ދަށުކޯޓްގެ ނިންމުން ބާތިލުކޮށް ހައިކޯޓުން އިއްވި ހުކުމްގައި ވަނީ މިދިޔަ އަހަރު ފެބްރުއަރީމަހުގެ އެއްވަނަ ދުވަހު ސުޕްރީމްކޯޓުން ބައެއް ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ނެރުނު އަމުރުގެ ބައެއް ބައިތައް ބާތިލްކޮށްފައި ވީނަމަވެސް އނުފޫޒު ފޯރުވައިގެން އިޖުރާއަތުތަކާއި ހިލާފަށް ނިންމާފައިވާ މައްސަލަތައް އަލުން ބެލުމަށް އަމުރުކޮށްފައިވާ ބާތިލުކޮށްފައި ނުވާކަމަށެވެ.

އެހެންކަމުން އަދީބާއި ދެކޮޅަށް ނިންމާފައިވާ މިމައްސަލައިގައި ކުރިޔަށް ގެންދިޔަ ޝަރީއަތަކީ ނުފޫޒު ފޯރުވައިގެން ހިންގި ޝަރީއަތެއް ކަމަށް ބެލުމުގެ ފުރުސަތު އޮތުމުން އެ މައްސަލަ އަލުން ބަލަން ޖެހޭނެ ކަމަށް ހައިކޯޓްގެ ހުކުމުގައިވެއެވެ.

މައްސަލަ ބެއްލެވި ތިން ފަޑިޔާރުންގެ ބެންޗުން އަޣްލަބިއްޔަތު ނިންމީ މި މައްސަލައަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އަލުން ބަލންޖެހޭ މައްސަލައއްކަމަށެވެ. އެހެންކަމުން ދަށުކޯޓްގެ ނިންމުން ބާތިލުކޮށް އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓްގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު ހުސައިން ޝަހީދުގެ ނިންމުމުގައިވެއެވެ.

މި ނިންމުމާއި ހިޔާލު ތަފާތުވި ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ނިންމުމުގައި ބުނެފައިވަނީ ކުރިމިނަލްކޯޓްގެ ނިންމުން ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބަލަންޖެހޭ ސަބަބެއް ނެތްކަމަށެވެ. އަދި ޅ. މާބިންހުރާ ކުއްޔަށް ހިފުމަށް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކު ރިލޭޝަންސް ކޯޕަރޭޝަނަށް ދެއްކި ފަސް މިލިޔަން އެމެރިކާ ޑޮލަރަށް ޚިޔާނާތްތެރިވުމުގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އެންމެ ފުރިހަމަ ގޮތުގަ ބައިވެރިވެފައިވާކަން ޝަރީޢަތަށް ސާބިތުވާކަމަށެވެ.

މި ހުކުމް ބާތިލުކުރުމުން އަދީބުގެ މައްޗަށް އިއްވާފައިވާ 33 އަހަރުގެ ޖަލު ޙުކުމްތަކުން އޭނާ މިވަނީ ސަލާމަތްވެ މިނިވަން ވެފައެވެ.

އަދީބު ފިސްތޯލަ ގެންގުޅުނުކަމަށް ބުނާ މައްސަލާގައި ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވި 10 އަހަރުގެ ޖަލު ޙުކުމް މިދިޔަ ހޯމަ ދުވަހު ސުޕްރީމް ކޯޓުންވަނީ ބާތިލްކޮށްފައެވެ. އަދި ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އިއްވި 15 އަހަރުގެ ޖަލުހު ޙުކުމް މިދިޔަ ހަފްތާގައި ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ.

ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލާގެ ހުކުމް ބާތިލުކުރިނަމަވެސް އެ މައްސަލަ އަލުން ބެލުމަށާއި އެ މައްސަލަ ބެލުމަށް 15 ދުވަހަށް ރިމާންޑް ޖަލެއްގައި އަދީބު ބަންދުކުރުމަށްވެސް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ. އދި އެ މުއްދަތު ހަމަވުމުން ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރެވިދާނެކަމަށްވެސް އެ އަމުރުގައިވެއެވެ.

ހައިކޯޓުން އަދީބު ބަންދުކުރަން އަމުރުކުރި 15 ދުވަސް އަދި ހަމައެއް ނުވެއެވެ. އެހެންނަމަވެސް އަދީބު ސިއްހީ ހާލަތު ހުރި ގޮތުން އަދީބު ގޭ ބަންދަށް ބަދަލުކުރުމަށް ސުޕްރީމްކޯޓުން ވަނީ މީގެކުރިން އަމުރުކޮށްފައެވެ.