ޚަބަރު

މީޑިއާ ކައުންސިލުން ސުކޫލްކުދިންގެ މެދުގައި މުބާރާތެއް ބާއްވައިފި


ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ސުކޫލްކުދިންގެ މެދުގައި ނޫސް ހެދުމާއި، ޚަބަރު ކިޔުމުގެ މުބާރާތެއް މިއަދު ކުރިއަށްގެންގޮސްފިއެވެ.މިއަދު މެންދުރު ދޭކުން އިރުއޮއްސި ހަތެއް ޖެހުމާއި ހަމައަށް އަމީނިއްޔާ ސްކޫލްގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ ހަތް ސްކޫލަކުން ބައިވެރިވެފައިވެއެވެ.ނޫސްވެރިކަމުގައި ހަރަކާތްތެރިވާ ތިން ނޫސްވެރިންގެ ޕެނަލަކުން ޖަޖުކަން ކުރާ މިމުބާރާތުގެ ވަނަތަކަށް އައި ފަރާތްތަށް އިޢުލާންކޮށް އިނާމް ދިނުމަށް ހަމަޖެހިފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސްކަމުގައިވާ މޭމަހުގެ ތިންވަނަ ދުވަހު ބާއްވާ ޚާއްސަ ރަސްމިއްޔާތުގައެވެ.މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ސްކޫލްތަކުންވަނީ ނޫސް ތައްޔާރުކޮށް، ޚަބަރު ހުށައަޅާދީފައެވެ.މެއި މަހުގެ ތިންވަނަ ދުވަހު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ނިންމާފައިވެއެވެ. އަދި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންގެ އަގުވަޒަން ކުރުމުގެ ގޮތުންވަނީ ޚާއްސަ އެވޯޑެއްވެސް ދޭން ނިންމާފައެވެ.