ޚަބަރު

އައްޑޫސިޓީގެ 3 ސަރަހައްދެއްގައި ފިޠުރު ޢީދު ބޮޑު ޖަމާއަތުގައި ކުރާނެ


އައްޑޫސިޓީގެ 3 ސަރަޙައްދެއްގައި މިއަހަރުގެ ފިޠުރު ޢީދު ބޮޑު ޖަމާއަތް ބާއްވާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ފިޠުރު ޢީދުގެ ބޮޑު ޖަމާއަތް އައްޑޫގައި ބޭއްވުމާ ގުޅޭގޮތުން އައްޑޫސިޓީ ކައުންސިލުން ކުރައްވާފައިވާ އިޢުލާނުގައި ވަނީ އައްޑޫގެ 3 ސަރަހައްދެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ކުރާއިރު، ހުރިހާ އަވަށެއް ހިމަނައިގެން 16 މިސްކިތެއްގައިވެސް ޢީދު ކުރާނެކަމަށެވެ.

ބޮޑު ޖަމާޢަތުގައި ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ، ހިތަދޫގައި އޮންނަ އައްޑޫފުޓްބޯޅަ ސްޓޭޑިއަމުގައެވެ. ފޭދޫގައި ކުރާނީ ފޭދޫ ރައްދެބައި މަގުން ދެކުނު ފަރާތުގައި އޮންނަ ހިއްކި ބިމުގައިއެވެ. ހުޅުދޫ-މީދޫގައި ގައި ނަމާދުކުރާނީ ޕޮލިސް ސްޓޭޝަން ދަނޑުގައެވެ.

ޢާންމު ގޮތެއްގައި އައްޑޫގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުމުގެ އިންތިޒާމު ހަމަޖައްސަނީ ސިޓީ ކައުންސިލުގެ އެހީތެރިކަމާއި އެކު އައްޑޫގައި ހަރަކާތްތެރިވާ ދީނީ ޖަމީއްޔާ ތަކުންނެވެ. އެގޮތުން ހިތަދުއާއި ފޭދޫގައި ޢީދުގެ ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމުގެ އިންތިޒާމު ހަމަޖައްސާނީ "ނޫރުލް އިސްލާމް" ޖަމްޢިއްޔާއިންނެވެ. ހުޅުމީދޫގައި މިއިންތިޒާމު ހަމަޖައްސާނީ، "ޙިލާލް" ޖަމްޢިއްޔާއިންނެވެ. މިކަމަށްޓަކައި އައްޑޫސިޓީ ކައުންސިލުން މިދެޖަމިންޢިއްޔާއަށް މަލީ ގޮތުން އެހީތެރިވެދޭނެއެވެ.

މިކަމާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެމުން ކައުންސިލުން ވިދާޅުވީ ބޮޑު ޖަމާޢަތުގެ އިންތިޒާމު ހަމަޖެއްސުމަގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް، ކައުންސިލުގެ ފަރާތުން ފުލުހުންގެ އެހީތެރިކަން ހޯދާނެކަމަށެވެ. މީގެ އިތުރުން ވިއްސާރައިގެ ސަބަބުން މައިދާންތަކުގައި ޢީދު ކުރުން ކެންސަލް ކުރަން ޖެހިއްޖެ ޙާލަތެއްގައި ހުރިހާ އަވަށެއްގެވެސް ހުކުރު މިސްކިއްތަކުގައި ޢީދު ކުރެވޭ އިންތިޒާމު ހަމަޖެހިފައިވާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.