ޚަބަރު

ކޮމިޝަންތަކަށް ބާރުދިނުމަށް ރިޟުވާނާއި ޔާމީންގެ ޢާއިލާއިން ގޮވާލައިފި


މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ޤާނޫނީ ބާރުވެރިކަން ދިނުމަށް ގެއްލުވާލާފައިވާ ނޫސް ވެރިޔާ އަޙްމަދު ރިލްވާނުގެ ޢާއިލާއާއި މަރާލާފައިވާ ބްލޮގާރ ޔާމީން ރަޝީދުގެ ޢާއިލާއިން ގޮވާލާއިފިއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވައި ކުރެއްވުމާއެކު ރިލްވާނާއި ޔާމީންގެ ޢާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި ސަރުކާރުން ވެވަޑައިގެންނެވި ވައުދު ފުރިހަމަ ކުރެއްވުމަށް އިންސާފު ހޯދުމުގެ މަސައްކަތް އިސްކުރަން ޖެހޭކަމަށެވެ. އެގޮތުން މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް ކުރަންޖެހޭ ކަންކަން ފަސްނުކުރުމަށް އެބަޔާނުގައި ވަނީ ގޮވާލާފައެވެ.

މަރުގެ މައްސަލަތައް ބަލައި ކޮމިޝަނަށް ގާނޫނީ ބާރުވެރިކަން ދިނުމަށް ނޫސްވެރިޔާ ރިލްވާނާއި ބްލޮގާރ ޔާމީން ރަޝީދުގެ އާއިލާއިން ގޮވާލާފައިވާއިރު އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނަށް ގާނޫނީ ބާރު ދިނުމަށް ޓްރާންސް ޕޭރަންސީ މޯލްޑިވްސްއިން ވެސް ވަނީ ގޮވާލާފައެވެ. ޓްރާންސް ޕޭރަންސީން ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ތަހުގީގުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް، އަލަށް ހުވައި ކުރެއްވި ނަވާރަވަނަ މަޖިލީހުން އެއްބާރުލުން ދެއްވާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެގޮތުން ކަރަޕްޝަނުގެ އަމަލުތައް ހުއްޓުވުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމާއި، މިނިވަން މުއައްސަސާތައް ޒިންމާދާރުކޮށް، އޭސީސީ ހަރުދަނާކޮށް ރައްޔިތުންގެ އިތުބާރު އޭސީސީއާމެދު އިތުރުކުރުމަށް މަސައްކަތް ކުރުމަށް އެޖަމްޢިއްޔާއިން ވަނީ ގޮވާލައްވާފައެވެ.