ޚަބަރު

ތަޢުލީމީ އާ މަންޙަޖު، ޓީޗަރުންނަށް ބޮޑު ތަކުލީފަކަށް!


އައު މަންޙަޖަށް ކިޔަވައިދޭން ފަށާފައިވާތާ 3 އަަހަރު ވެފައިވާއިރު، އެކަށީގެންވާ ގޮތުގައި އަދިވެސް ސްކޫލްތަކުގައި މަންޙަޖުގެ މަސައްކަތް ފެށިފައެއް ނުވެއެވެ. މިކަމުގެ އެންމެ ބޮޑު ތަކްލީފެއް އުފުލަމުން އަންނަނީ ސްކޫލްތަކުގެ މުދައްރިސުންނެވެ.

އެތަށް އަހަރުތަކެއްވަންދެން ކިޔަވައިދެމުން އައި މަންޙަޖު އުވާލައި އާ މަންޙަޖަކަށް ކިޔަވައިދޭން ފަށާފައިވަނީ 2015ވަނަ އަހަރުއެވެ. ކީ ސްޓޭޖްތަޖަށް ބަހާލައިގެން މަންޙަޖުގެ ކިޔަވައިދިނުން ފުރަތަމަ ފަށާފައިވަނީ ގްރޭޑް 1،2،3 އަށެވެ.

އާ މަންޙަޖަކީ ފުރިހަމަ މަންޙަޖެއްކަމަށް ސްކޫލްތަކުން ދެކެއެވެ. ޒަމާނީ ގޮތްތަކަށް ފިލާވަޅުތައް ނަގައިދިނުމާއި، އާ ކަންތައްތައް ދަރިވަރުންނަށް ކިޔައިދިނުމުގެ ކޮންޓެންޓްތަކާއި، އަދި ދަރިވަރުން މިންކުރާނެ ގޮތްތައްވެސް އާމަންޙަޖުގައި ވަރަށް ތަފްސީލްކޮށް ލިޔެފައިވެއެވެ.

ނަމަވެސް އުފެދޭ ސުވާލަކީ އާމަންހަޖަށް ކިޔަވައިދޭނެ ކެޕޭސިޓީ ރާއްޖޭގެ ސްކޫލްތަކުގައި ހުރިތޯ މިއީ ސުވާލެކެވެ. މަންޙަޖަށް ބޮޑެތި ބަދަލުތަކެއް ގެނައި ނަމަވެސް ސްކޫލްތަކުގައި ޓިޗަރުންނާއި، ވަސީލަތްތައް ހުރި މިންވަރަކަށް ބަދަލެއް ނާދެއެވެ.

އާ މަންޙަޖު ފަރުމާކޮށްފައިވަނީ ކްލާހެއްގައި 20 ނުވަތަ 25 ދަރިވަރުންނަށް 2 ޓީޗަރުން ތިބެގެން ކިޔަވައިދޭ ގޮތަށެވެ. ނަމަވެސް ކިޔަވައިދެމުން އަންނަނީ 33 ދަރިވަރުންގެ ކްލާހެއްގައި އެންމެ ޓީޗަރެއް ހުރެގެންނެވެ.

އާ މަންޙަޖެއް އެކުލަވާލުމުގެ ބޭނުމަކީ ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމެވެ. ނަމަވެސް މިކަމަށް ބޭނުންވާވަރަށް ޓީޗަރުންނާއި، ސްކޫލްތަކުގައި ވަސީލަތްތަކެއް ނެތެވެ. އެކަމަށް އެކަށީގެންވާ މިންވަރަށް ޓީޗަރުންނަށް ތަމްރީން ދީފައެއް ނެތެވެ.

އާ މަންޙަޖާއެކު ޓީޗަރުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓީޗަރސް އެސޯސިއޭޝަންގެ ރައީސް އާތިފް ޢަބްދުލްޙަކީމް ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކީ ސްކޫލްތަކުގައި ޓީޗަރުން މަދުވުމާއި އަދި މިދާއިރާއަށް ޝައުގުވެރިވާ މީހުން މަދުވުންކަމަށެވެ. އަދި އާމަންޙަޖަކީ ފިލާވަޅުތަކާއި މަސައްކަތްތައް ގިނަ މަންޙަޖަކަށް ވުމާއި އެކަމަށް ބޭނުންވާ ފުރިހަމަ ވަގުތު ނުލިބޭކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ޓީޗަރުންގެ މަސައްކަތްތައް ބުރަވެ ވަގުތައް ބަަލާއިރު އެކަށީގެންވާ ގޮތެއްގައި ފިލާވަޅުތަކުން ލިބެންވާ މަންފާ ދަރިވަރުންނަށް ނުލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުންވެސް މަންހަޖުގެ ތެރެއިން ކުދިންނަށް ކުރިއަށްގެންދެވޭ ޙަރަކާތްތައް ވަސީލަތްތައް މަދުވުމުގެ ސަަބަބުން ނުގެންދެވޭކަންވަނީ ފާހަގަކޮށްފައެވެ.

"ބެލެނިވެރިންނާއި ޓީޗަރުންނަށް ރަނގަޅަކަށް ނޭނގެ. ތަޢުލީމީ ނިޒާމަށް މިއައި ބަދަލުތަކެއް. މިއީ ކުދިންގެ ކިޔެވުމަށް އެޅޭ ހުރަހަކަށް ވަނީ." އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ޓީޗަރސް އެސޯސިއޭޝަނުން ބަސް ބުނުމުގެ ދޮރުއޮތީ ބަންދުކޮށްފައި ކަމަށެވެ. މިކަމުގެ ސަބަބުން މުދައްރިސުންގެހުރި ޝަކުވާތައް އަޑުއަހައި، ކަންކަން ޙައްލުކޮށްދިނުމަށް އެތައް ގޮންޖެހުންތައް ހުރިކަންވަނީ ފާހަގަކޮށްފައެވެ. ދިގު މުއްދަތަކަށްފަހު އަނެއްކާވެސް ޓީޗަރސް އެސޯސިއޭޝަންގެ ހަރަކާތްތައް ވަނީ ފަށާފައެވެ. އެގޮތުން އެސޯސިއޭޝަނުން އިސްނަގައިގެން އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭޭފުޅުންނާއެކު ވަނީ ތަރާވީހެއްގެ ތެރެއިން ޚާއްސަ ބައްދަލުވުމެއް ބާއްވާފައެވެ.

ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޢަބްދުﷲ ރަޝީދު ވިދާޅުވީ، އާ މަންޙަޖަކީ އެކަށީގެންވާ މަންޙަޖެއްތޯބަލައި، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ފެތޭގޮތަށް މަންޙަޖު ބައްޓަން ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

"މަސައްކަތް މިކުރަނީ އެލްކޭޖީ، ޔޫކޭޖީ އަދި ގްރޭޑް 1،2،3ގެ މަންޙަޖު ރިވައިސް ކުރަން. އެގޮތުން މިހާރުވަނީ ބަޔަކު ހޯދުމަށް އިޢުލާން ކޮށްފައި". އަބްދުﷲ ރަޝީދް ވިދާޅުވިއެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ އާ މަންޙަޖް ރިވައިސް ކުރާއިރު ޓީޗަރުންގެ ޚިޔާލު ވަރަށް ބޮޑަށް ހިމަނާނެކަމަށެވެ. އަދި ބަދަލެއް ގެންނަނަމަ އެކަންވާނީ ދަރިވަރުންނާއި ތީޗަރުންނަށްވެސް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަކަށެވެ. ޓީޗަރުންނާއި ގުޅުންހުރި މައްސަލަތައް ޙައްލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ޓީޗަރސް އެސޯސިއޭޝަނަކީ ޓީޗަރުންނާއި ދަރިވަރުންނަށް ކުރިމަތިވާ މައްސަލަތައް ޙައްލުކޮށްދީ، ޓީޗަރުންގެ ޙައްގުގައި މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ އެސޯސިއޭޝަނެކެވެ. ޓީޗަރސް އެސޯސިއޭޝަންގައި 4000އަށްވުރެ ގިނަ ޓީޗަރުން އުޅެއެވެ.