ޚަބަރު

އައު މަޖިލީހުގެ ރައީސަކަށް ރައީސް ނަޝީދު އިންތިޚާބުކޮށްފި


ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް މައްޗަންގޮޅީ މެދުދާއިރާގެ މެމްބަރު ރައީސް މުޙައްމަދު ނަޝީދު އިންތިޚާބުކޮށްފިއެވެ.

ރައީސް ނަޝީދު މިމަޤާމަށް އިންތިޚާބުކުރީ މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ޙާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެތެރެއިން 67 ވޯޓާއެކުއެވެ. ރައީސް ނަޝީދާއެކު ދެން މިމަޤާމަށް ވާދަކުރެއްވީ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމެވެ. އޭނާއަށް ލިބިވަޑައިގަތީ 17 ވޯޓެވެ.

މަޖިލީހުގެ ރައީސްކަމަށާއި ނާއިބުރައީސްކަމުގެ މަޤާމަށް ނަންފުޅުތައް ހުށަހެޅުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން ރައީސް ނަޝީދުގެ ނަންފުޅު މަޖިލީހުގެ ރައީސްކަމަށް ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމެވެ. މި ހުށަހެޅުމަށް ތާޢީދުކުރެއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމެވެ.

އަދި މަޖިލީހުގެ ރައީސްކަމަށް މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމްގެ ނަންފުޅު ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤެވެ. ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު މިހުށަހެޅުއްވުމަށް ތާޢީދުކުރެއްވިއެވެ.

މަޖިލީހުގެ ރައީސާއި ނާއިބުރައީސް ހޮވުމުގެ ވޯޓުގެ ކަންކަން ކުރިއަށް ގެންދިޔައީ އެކަމަށް ޚާއްސަކޮށް އެކުލަވާލި 5 މެމްބަރުންގެ ކޮމިޓީއަކުންނެވެ. 5 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލުމަށް ރިޔާސަތުން ހުޅުވާލުމުން އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން 5 މެމްބަރެއްގެ ނަންފުޅު ހުށަހެޅުއްވިއެވެ.

އެމެމްބަރުންނަކީ ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޙުސައިން، އިސްދޫ ދާއިރާގެ މެމްބަރު ޢަލީ ޙަމީދު، ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް، މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު، ވިލިނގިލި ދާއިރާގެ މެމްބަރު ސަޢުދު ޙުސައިންގެ ނަންފުޅެވެ. މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު މި ހުށަހެޅުއްވުމަށް ތާޢީދުކުރެއްވިއެވެ. އިތުރު ހުށަހެޅުމެއް ނެތުމާއެކު މިހުށަހެޅުމަށް ވޯޓަށްއައި ވަނީ ފާސްވެފައެވެ. ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 85 މެމްބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ރައީސަކު ހޮވުމުގެ ޖަލްސާގެ ރިޔާސަތު ބަލެހެއްޓެވީ ދ.މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދެވެ. މި ޖަލްސާގެ ރިޔާސަތު އޭނާ ބެހެއްޓެވީ މިފަހަރު މަޖިލީހަށް އިންތިޚާބުވެޑައިގެންނެވި ބޭފުޅުންގެ ތެރެއިން މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ އަދި އެންމެ ޢުމުރުން ދޮށީ މެމްބަރުގެ ހައިސިއްޔަތުންނެވެ.

ޤާނޫނު އަސާސީގެ 82ވަނަ މާއްދާގައި ބުނެފައިވަނީ އަލަށް އިންތިޚާބުވާ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ ތެރެއިން މަޖިލީހުގެ މެދުނުކެނޑީ އެންމެ ގިނަ ދުވަސްވީ މެމްބަރެކެވެ. އަދި މެދުނުކެނޑި ޚިދުމަތްކުރައްވާ ޢަދަދު ހަމަވާ ގިނަ މެމްބަރުން ތިބިނަމަ ރިޔާސަތު ބަލަހައްޓަވާނީ އެ މެމްބަރުންގެ ތެރެއިން ޢުމުރުން އެންމެދޮށީ މެމްބަރުކަމަށެވެ.

19ވަނަ ރައްޔިތުން މަޖްލީހުގެ 65 ގޮނޑިއާއެކު ސުޕަރ މެޖޯރިޓީ ހޯދާފައިވަނީ ވެރިކަންކުރާ މައިޕާޓީ އެމްޑީޕީއެވެ. މިއީ ސިޔާސީ ޕާޓީއަކުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިހާ ގިނަ ގޮނޑި ހޯދި ފުރަތަމަ ފަހަރެވެ.

މަޖިލީހުގެ މެމްބަރުންގެގޮތުގައި ދެން ހިމެނެނީ އިދިކޮޅު ޕީޕީއެމްގެ 5 މެމްބަރުންނައި ކޮންގްރެސް ޕާޓީގެ 3 މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ 5 މެމްބަރުންނާއި އެމްޑީއޭގެ 2 މެމްބަރެކެވެ. އަދި މިނިވަން މެމްބަރުންގެ ގޮތުގައި 7 މެމްބަރަކު 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނެއެވެ.