ކުޅިވަރު

ޔޫތް މިނިސްޓްރީން ކޮންމެ ކުލަބަކަށް 2 ލައްކަ ރުފިޔާ ދެނީ


ޕްރީ ސީޒަންއަށް ތައްޔާރުވުމަށް ފުރަތަމަ ޑިވިޝަންގެ ކޮންމެ ކުލަބަކަށް ޔޫތް މިނިސްޓްރީން ދެ ލައްކަ ރުފިޔާ ދޭން ނިންމައިފިއެވެ.

ޔޫތް މިނިސްޓްރީން ކޮންމެ ކުލަބްއަކަށް ދެ ލައްކަ ރުފިޔާ ދޭން ނިންމާފައިވަނީ މިއަހަރުގެ ފުޓްބޯޅަ ސީޒަންއަށް ތައްޔާރުވުމަށް ކުލަބްތަކަށް މާލީ ގޮތުން ގިނަ ހުރަސްތަކެއް ކުރިމަތިވެފައިވާތީއެވެ.

ފުރަތަމަ ޑީވިޝަންގެ ގިނަ ކުލަބްތަކުންވަނީ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްއާއި ބައްދަލުކޮށް ސީޒަނަށް ތައްޔާރުވުމަށް އެހީތެރިކަމަށް އެދިޔައެވެ. މަޢުލުމާތު ލިބިފައިވާ ގޮތުގައި ޔޫތް މިނިސްޓްރީން ކުލަބްތަކަށް ފައިސާ ދޭން ނިންމީ އެފްއޭއެމަށް ކުލަބްތަކަށް ފައިސާ ނުދެވުމުންނެވެ.

އެފްއޭއެމުން ކުރިން ބުނެފައިވަނީ ޕްރީ ސީޒަނަށް ތައްޔާރުވުމަށް ކުލަބްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ. ނަމަވެސް އެޖަމިއްޔާގައި ފައިސާހުރެ، އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ބައެއް ކަހަލަކަންތައްތައް ފުރިހަމަ ކުރެވިފައި ނުވާތީ، މިއަދާހަމައަށް އެފްއޭއެމަށްވަނީ ކުލަބްތަކަށް ފައިސާ ދޫނުކުރެވިފައެވެ.

މިދިޔަ ދެ އަހަރު ކުލަބްތަކަށް ފައިސާ ދީފައިވަނީ އެސްއޯއީގެ އެއްބަސްވުމުގެ ދަށުން އެފްއޭއެމް މެދުވެރިވެގެން ސަރުކާރުގެ ކުންފުނިތަކުންނެވެ. ކޮންމެ ޓީމްއަށް 3 މިލިއަނެއްހާ ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ ސީޒަން ނިމުނުއިރު ގިނަ ކުލަބުތަކަކަށް ކުޅުންތެރިންނަށް މުސާރަ ނުދެވޭކަން ފާހަގަކޮށްލެވެއެވެ.

ސަރުކާރާއި އެފްއޭއެމާއި ގުޅުން ގޯސްވުމުގެ ސަބަބުން މިއަހަރު އެސްއޯއީގެ ދަށުން ކުލަބްތަކަށް ފައިސާ ލިބޭނެކަމާއި މެދުވަނީ ސުވާލް އުފެދިފައެވެ.