މިދިޔަ އޭޕްރިލް މަހު މުވައްޒަފުންނަށް އެންމެ ގިނައިން ސަރވިސް ޗާޖްދިން ރިސޯޓަކަށް ޝެވަލް ބްލާންކް ރަންދެލި ރިސޯޓު ހޮވިއްޖެއެވެ.
ރާއްޖޭގެ ރިސޯޓުތަކުން މުވައްޒަފުންނަށް ސަރވިސް ޗާޖް ދޭ މިންވަރާއި އާންމުކޮށް ރިސޯޓުތަކުގެ އެކި ޚިދުމަތްތަކުން ސަރވިސް ޗާޖް ނަގާ މިންވަރުގެ މަޢުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ "މޯލްޑިވްސް ސަރވިސް ޗާޖް ވެބްސައިޓު" ގައި އާންމުކޮށްފައިވާގޮތުން މިދިޔަ އޭޕްރިލް މަހު އެންމެ ގިނައިން މުވައްޒަފުންނަށް ސަރވިސް ޗާޖް ދީފައިވަނީ ރަންދެލި ރިސޯޓުންނެވެ. މި ރިސޯޓު ވަނީ 2018 ވަނަ އަހަރުވެސް އެންމެ ގިނަ ސަރވިސް ޗާޖް ދިން ރިސޯޓަށް ހޮވިފައެވެ.
އޭޕްރިލް މަހު ރިސޯޓުތަކުން ދީފައިވާ ސަރވިސް ޗާޖަށް ބަލާއިރު ޗެވަލް ބްލާންކް ރަންދެލި ރިސޯޓުން އެވްރެޖްކޮށް 2400 ޑޮލަރު ނުވަތަ 37،000 ވުރެ ގިނަ ދިވެހި ރުފިޔާ ދީފައިވެއެވެ.
ރަންދެލި ރިސޯޓަށްފަހު ދެން އެންމެ ގިނަ ސާރވިސް ޗާރޖް ބަހާފައިވަނީ، ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުންނެވެ. އެ ރިސޯޓުން ގާތްގަނޑަކަށް 1400 ޑޮލަރު ނުވަތަ 23،000 ރުފިޔާ ދީފައިވެއެވެ. 3 ވަނައަށް އެންމެ ގިނައިން ސަރވިސް ޗާޖު ބެހި ވެލާ ޕްރައިވެޓް ރިސޯޓުން ވަނީ އެވްރެޖްކޮށް މުވައްޒަފުންނަށް 1400 ޑޮލަރު ދީފައެއެވެ.
މޯލްޑިވްސް ސަރވިސް ޗަރޖް ވެބްސައިޓްގައިވާގޮތުން އިތުރު ރިސޯޓުތަކުން ވެސް މިދިޔަ މަހު އާންމުކޮށް ސާރވިސް ޗާޖުގެ ގޮތުގައި ދިން އަދަދު އުޅެނީ 1،000 ހުން ފެށިގެން 1،400 ޑޮލަރުގައެވެ.
މޯލްޑިވްސް ސާރވިސް ޗާޖް ވެބްސައިޓަކީ ރާއްޖޭގެ އެކި ރިސޯޓުތަކުގެ ސާރވިސް ޗާޖް ދޭ އަދަދު ކޮންމެ މަހަކު އާންމުކުރަމުން އަންނަ ވެބްސައިޓެކެވެ.
މީގެ އިތުރުން މި ވެބްސައިޓުގައި ރިސޯޓުތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ރިސޯޓުތަކާއި ބެހޭ އެކި އެކި މަޢުލޫމާތު ލިބެން ހުރެއެވެ. މިއީ ރާއްޖޭގައި ރިސޯޓު ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުންނަށް ފަސޭހައިން ވަޒީފާ ހޯދައިދިނުމުގެ މަޤްސަދުގައި ތައްޔާރުކޮށްފައިވާ ވެބްސައިޓެކެވެ.