ތަރައްްޤީ

މިދިޔަ އަހަރު ޕެންޝަނަށް ކުރި ޚަރަދު 33 މިލިއަނަށް އިތުރު


ޕެންޝަނުގެ ގޮތުގައި މިދިޔަ އަހަރު ދައުލަތުންކޮށްފައިވާ ޚަރަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 33 މިލިއަން ރުފިޔާއަށްވުރެ އިތުރުކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފިއެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މިމަހު ޢާއްމުކޮށްފައިވާ މިދިޔަ އަހަރުގެ ޕެންޝަނާއި ބެހޭ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދައުލަތުންވަނީ ޕެންޝަނުގެ ގޮތުގައި މިދިޔަ އަހަރު ޖުމްލަ 1.3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. 2017 ވަނަ އަހަރު ޕެންޝަންގެ ގޮތުގައިވަނީ 1.2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. މިއީ ޖުމްލަ 3 އިންސައްތައިގެ އިތުރުވުމެކެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޕެންޝަން ސްކީމްތަކުގެ ތެރެއިން މިދިޔަ އަހަރު އެންމެ ބޮޑަށް ޚަރަދު އިތުރުވެފައިވަނީ ރިޓަޔަރމަންޓް ޕެންޝަން ސްކީމަށެވެ. އެއީ 58 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. އެއީ 2017 ވަނަ އަހަރަށްވުރެ 7 އިންސައްތައިގެ އިތުރުވުމެއް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ މިދިޔަ އަހަރު ދައުލަތުން ޕެންޝަނުގެ ގޮތުގައި ޚަރަދުކޮށްފައިވާ މިންވަރުގެ 5 އިންސައްތައެވެ.

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަނަކީ ޑިފައިންޑް ކޮންޓްރިބިއުޝަން (ޑީސީ) ޕެންޝަން ސްކީމްގެ ދަށުން ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ކަނޑައެޅިފައިވާ ވަކި ޢަދަދެއްގެ ނަގައިގެން، އެ ފައިސާ އިންވެސްޓް ކޮށްގެން ރިޓަޔަރމަންޓަށް ފައިސާ ރައްކާކުރެވޭ ޕެންޝަންގެ ނިޒާމެކެވެ. މިނިޒާމުގެ ދަށުން ވަޒީފާދޭ ފަރާތުންނާއި ވަޒީފާއަދާކުރާ ފަރާތުން ޕެންޝަނަށް ދައްކަންޖެހޭނީ މުވައްޒަފުގެ އަސާސީ މުސާރައިގެ 7 އިންސައްތައެވެ. އަދި މިއާއި އެއްވަރަށް ވަޒީފާ ދޭފަރާތުންވެސް މިސްކީމުގެ ދަށުން މުވައްޒަފުގެ ޕެންޝަނަށް 7 އިންސައްތަ އިތުރުކުރަންޖެހެއެވެ.

އަސާސީ ޕެންޝަނަށް 443 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު މިއީ 2017 ވަނަ އަހަރާއި އަޅާބަލާއިރު 2 އިންސަތައިގެ އިތުރުވުމެކެވެ. މިއީ މިދިޔަ އަހަރު ޕެންޝަނަށްކޮފައިވާ ޚަރަދުގެ ޖުމްލަ 33 އިންސައްތައެވެ. އަސާސީ ޕެންޝަނަކީ ޢުމުރުން 65 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ފޯރުކޮށްދެވޭ ޕެންޝަނެކެވެ.

އަސާސީ ޕެންޝަން ސްކީމުގެ އަމާޒަކީ އެއްވެސް ވަޒީފާއެއް އަދާނުކުރާ އަދި އަދާކުރި ވަޒީފާ މެދުވެރިކޮށް ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާވި ފައިސާއިން އެކަށޭނަ ރިޓަޔަރމަންޓް ޕެންޝަނެއް ނުލިބޭ ދިވެހިންނަށް ޢުމުރުން 65 އަހަރުވުމުން އަސާސީ ބޭނުންތައް ފުދޭވަރުގެ ޕެންޝަނެއް ދިނުމެވެ.

2014 ވަނަ އަހަރުން ފެށިގެން މުސާރައިގެ ގޮތުގައި 5000 އަށްވުރެ މަދުން ލިބޭ ފަރާތްތަކުގެ ތެރެއިން ޚިދުމަތުގައި 20 އަހަރާއި 40 އަހަރާއި ދެމެދު ދައުލަތަށް ޚިދުމަތްކޮށްފައިވާ ފަރާތްތަކަށްދެވޭ ސީނިއަރ ސިޓިޒެން އެލަވަންސްގެ ދަށުން 5000 ރުފިޔާ ހަމަވާވަރަށް ދޭ ޕެންޝަންގެ ގޮތުގައި މިދިޔަ އަހަރުވަނީ ފައްސަތޭކަ ފަންސާސް މިލިއަން ރުފިޔާ ޕެންޝަން ފަންޑުން ޚަރަދުކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 2 އިންސައްތައިގެ އިތުރުވުމެކެވެ. މިއީ ދައުލަތުން މިދިޔަ އަހަރު ޕެންޝަނުގެ ގޮތުގައި ޚަރަދުކޮށްފައިވާ މިންވަރުގެ 41 އިންސައްތައެވެ.

އެހެނިހެން ޕެންޝަނުގެ ގޮތުގައި ދުއިސައްތަ އަށްޑިހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު މިއީ 2017 ވަނަ އަހަރަށްވުރެ 4 އިންސައްތައިގެ އިތުރުވުމެއްކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން މިދިޔަ އަހަރު ޖުމްލަ 21 އިންސައްތަ ދައުލަތުން ޚަރަދުކޮށްފައިވަނީ އެހެނިހެން ޕެންޝަނުގެ ގޮތުގައެވެ.