ދުނިޔެ

ނޭޕާލަށް 7.7 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ


ނޭޕާލަށް ހަތެއް ޕޮއިންޓް ހަތެއްގެ ބާރުގަދަ ބިންހެލުމެއް މިއަދު އަތުވެއްޖެއެވެ. މިބިން ހެލުމުގެ ލޮޅުން އިންޑިޔާގެ ވެރިރަށް ނިއުދިއްލީއަށްވެސް އެރިއެވެ. މިބިންހެލުމުގައި ބައެއް ގެތަކާއި އިމާރާތްތަކުގެ ފާރުތައް ވެއްޓިފައިވާކަމަށް އެންމެ ފުރަތަމަ ލިބުނު ރިޕޯޓްތައް ބުނެއެވެ. މިބިންހެލުމުގައި ޒަހަމްވެގެން އެތައް ބަޔަކު މިހާރު ކަތަމަންޑޫގެ ހޮސްޕިޓަލްތަކަށް ގެންނަން ފަށައިފައިވާކަމަށް ޚަބަރުތައް ބުނެއެވެ. " ކަތަމަންޑޫގައި ވެއްޓުނު ބިލްޑިންގތަކުގެ ތެރޭގައި ދުވަސްވީ ބައެއް ފައްޅިތައް ހިމެނޭ "، ކަތަމަންޑޫގެ ރައްޔިތެއްކަމަށްވާ ޕްރަޗަންދާ ސުއަލް ބުންޏެވެ.  އޭނާއާހަވާލާދީ އެސޯސިއޭޓް ޕްރެސް ބުނާގޮތުގައި، ބިންހެލުން އައި ވަގުތުގައި ކަތަމަންޑޫގެ މަގުތަކުގައި ސަލާމަތްވުމަށްޓަކާ މީހުން ކޮޅުކޮޅު މައްޗަށް ދުވާތަން ފެނިފައިވެއެވެ. އެމްބިއުލެންސް ގެ ސައިރަންގެ އަޑުފައްގަނޑު އިވެމުންދިޔަ އިރު، ސަރުކާރުގެ ހެލިކޮޕްޓަރު ތަކުން ކަތަމަންޑޫގެ މަތީގައި އުދެމުން ދިޔަ މަންޒަރު ފެނިފައިވާކަމަށް އޭނާ ބުނެއެވެ. ނޭޕާލުގެ ޤައުމީ ރޭޑިއޯއިން ވަނީ، އިތުރު ލޮޅުންތަކެއް އަރާފާނެތީ ޢާންމުން މަގުތަކުގައި ތިބުމަށާއި ހަމަޖެހުމަށް އިލްތިމާސް ކޮށްފައެވެ. މުސްކުޅި ކަތަމަންޑޫ ސިޓީއަކީ ހަނި ގޯޅިތަކެއްގެ މައްޗަށް އެކުލެވޭ ސަރަހައްދަކަށްވީއިރު، އެސަރަހައްދުގައި ހުރި ގިނަ އިމާރާތް ތަކަކީ ދުވަސްވީ މުސްކުޅި އިމާރާތްތަކެކެވެ. ނޭޕާލުގެ އިންފޮމޭޝަން މިނިސްޓަރ މިނެންޑްރާ ރިޖާލް އެންޑީޓީވީއަށް މަޢުލޫމާތު ދެމުން ވިދާޅުވީ، ބިންހެލުމުގެ ސަބަބުން ކަތަމަންޑޫއާއި އަދި ވަށައިގެންވާ ސަރަހައްދުތަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމުގެ ރިޕޯޓް ލިބެމުންދާކަމަށެވެ. އެހެންނަމަވެސް، މީހުންނަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓްތަކެއް އަދި ނުލިބޭކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ޓީމުތައް މިހާރުވަނީ އެސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ. އެމެރިކާގެ ޔޫ.އެސް ޖިއޮލޮޖިކަލް ސަރވޭއިން ފަހުން ވަނީ، މިބިންހެލުމުގެ ދަރަޖަ ރެކްޓަރ މިންގަނޑުން 7.5 އިން 7.9 އަށް އިތުރުކޮށްފައެވެ. މި ބިންހެލުން އައީ މިއަދު މެންދުރެއްހާއިރުއެވެ. އަދި ބިންހެލުމުގެ ލޮޅުންތައް އަވަށްޓެެރި އިންޑިއާގެ އިތުރުން ޕާކިސްތާނާ ހަމައަށްވެސް ފޯރާފައިވެއެވެ. ޕާކިސްތާނުގެ ލާހޫރުގެ ރައްޔިތެއްކަމަށްވާ، މުޙައްމަދު ޝަހާބު ބުނިގޮތުގައި، ލާހޫރަށް ގުޑުން އަރައިގެން ދިޔަ ވަގުތު އޭނާ އިނީ އޮފީހުގައެވެ. އަދި އެ ލޮޅުންތައް ހިނދުކޮޅަކަށް ދެމިގެން ދިޔަކަމަށާއި، އެހެންނަމަވެސް މިހާރު އާދައިގެ ހާލަތަކަށް އައިސްފައިވާކަމަށް ޝަހާބާ ހަވާލާދީ އެސޯސިއޭޓް ޕްރެސް ބުނެއެވެ. ނިއު ދިއްލީގައި ހުރި އެމްބީސީގެ ޖަރނަލިސްޓް އައިޝަތު ޢައްބާސް ބުނިގޮތުގައި، އެމީހުން ތިބޭ އިމާރާތައްވެސް ލޮޅުންތަކެއް އަރާފައިވެއެވެ. އަދި އެވަގުރު ބިލްޑިންގގައި ތިބި މީހުން ބޭރަށް ނުކުތްކަމަށް އޭނާ ބުނެވެ.