ޚަބަރު

މޫސުން ގޯސްވެ، ފ. އަތޮޅުން ފެށިގެން ގއ. އަތޮޅުގެ ރަށްތަކަށް ޔެލޯ އެލަރޓް ނެރެފި


ފ. އަތޮޅުން ފެށިގެން ގއ. އަތޮޅަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލަރޓް ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. ފ. އަތޮޅުން ފެށިގެން ގއ. އަތޮޅާއި ހަމައަށް ޔެލޯ އެލަރޓް ނެރެފައިވަނީ މެންދުރު 12 އިން ފެށިގެން ހަވީރު 3 ޖެހުމާއި ހަމައަށެވެ.

ޔެލޯ އެލަރޓަކީ މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާއަކަށް ކަމާބެހޭ ފަރާތްތަކާއި އާއްމު ރައްޔިތުން ސަމާލުވެ ތިބުމަށްޓަކާ ނެރޭ އެލަރޓެކެވެ. އަދި މި އެލަރޓް ނެރޭ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ، ކަނޑުދަތުރު ފަތުރު ނުކުރުމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.

މެޓް އޮފީހުން ބުނީ ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައިވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ. ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭއިރު، ވާރޭވެހި ފެންބޮޑުވެ ދިމާވެދާނެ ކާރިސާއަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް ރަށްރަށުގެ ކައުންސިލްތަކާއި ކަމާ ގުޅުންހުރި މުވައްސަސާތަކާއެކު ގުޅިގެން މަސައްކަތް ކުރަމުންދާމަަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންވެސް ވަނީ ވިދާޅުވެފައެވެ.

ފ. އަތޮޅުން ފެށިގެން ގއ. އަތޮޅާއި ހަމައަށް ޔެލޯ އެލަރޓް ނެރެފައިވާއިރު، މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ހެނދުނު 9 އިން ފެށިގެން މެންދުރު 12 ޖެހުމާއިވެސް ވަނީ ޔެލޯ އެލަރޓެއް ނެރެފައެވެ.