ޚަބަރު

ފިސްތޯލަ މައްސަލާގައި އަދީބަށް އިއްވި 10 އަހަރުގެ ހުކުމްވެސް ބާތިލު


ފިސްތޯލައެއް ގެންގުޅުނު މައްސަލާގައި ކްރިމިނަލް ކޯޓުން ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބަށް އިއްވި 10 އަހަރުގެ ޖަލު ޙުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.

2015ވަނަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހު އޭރުގެ އިދިކޮޅު ފަރާތްތަކުން "މޭޑޭ"ގެ ނަމުގައި ބޭއްވި މުޒާހަރާއާ ގުޅިގެން އަދީބު ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2016ވަނަ އަހަރުވަނީ ޙުކުމް ކުރައްވާފައެވެ. އަދި އެ ޙުކުމަށް ހައިކޯޓުން ވަނީ ތާޢީދުވެސް ކޮށްފައެވެ.

އެ ޙުކުމް އަދީބުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ދަޢުލަތުން ވަނީ އަދީބު ގެންގުޅުނު ފިސްތޯލައަކީ އަސްލު ފިސްތޯލައެއްކަން ހެކިންގެ ހެކިބަހުން ސާބިތުނުވާ ކަމަށް ވިދާޅުވެފައެވެ. އަދި ހެކިބަސްދިން ދެމީހަކު ބުނެފައިވަނީ އެހެކިންނަށް ޔަގީންނުވާ އަދި އެމީހުންނަށް ޤަބޫލުކުރެވޭ ވާހަކަތަކެއްކަމަށްވާތީ އެމައްސަލައިގައި އަދުލުވެރި ޙުކުމެއް ކޮށްދިނުމަށް ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އެދިފައެވެ.

މި މައްސަލާގެ ސުޕްރީމްކޯޓުގެ އަޑުއެހުމުގއި ވާހަކަދައްކަވަމުން އަދީބު ވިދާޅުވެފައިވަނީ ފިސްތޯލައެއް ގެންގުޅުނުކަމަށް ދައުވާ އުފުލާފައިވަނީ އޭރު އަދާކުރައްވަމުން ގެންދެވި ނާއިބު ރައީސްގެ މަޤާމުން ވަކުކިކުރުމަށް ކަމަށާއި، އެހެންކަމުން އެއީ ސިޔާސީ ދައުވާއެއްކަމަށެވެ. އަދި އޭނާއާއި ދެކޮޅަށް ދިން ސިއްރު ހެކިން ދިން ހެކިބަހަކީ ކަނޑައެޅިގެން ދޮގު ހެކިބަސްތަކެއް ކަމަށާއި، ދުވަހަކުވެސް ފިސްތޯލެއް ނުގެންގުޅުއްވާކަމުގައި އަޙްމަދު އަދީބު ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން މަސައްކަތްކުރުމާއި ކޮރަޕްޝަންގެ އެކި މައްސަލަތަކާއި ގުޅިގެން އަހުމަދު އަދީބުގެ މައްޗަށްވަނީ 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މީގެތެރެއިން އަދީބުގެ މައްޗަށް އިއްވާފައިވާ އެންމެ ބޮޑު ހުކުމް ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ.

ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަހުމަދު އަދީބުގެ މައްޗަށް ކުރިމިނަލްކޯޓުން އިއްވާފައިވާ 15 އަހަރުގެ ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން އަމުރުކުރީ މި މަހުގެ 20 ވަނަދުވަހުއެވެ.

ދަށުކޯޓްގެ ހުކުމް ބާތިލުކޮށް ހައިކޯޓުން އިއްވި ހުކުމްގައި ވަނީ އެ މައްސަލަ ބެލުމަށް 15 ދުވަހަށް އަދީބު ރިމާންޑް ޖަލެއްގައި ބަންދުކުރުމަށްވެސް އަމުރުކޮށްފައެވެ. އަދި އެއް މުއްދަތު ހަމަވުމުން ބަންދާއި މެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ހުށައެޅުމަށްވެސް އެ ނިންމުމުގައި ވެއެވެ.