ޚަބަރު

މަޖިލީހުގެ ރައީސަކަށް އެމްޑީޕީން ބޭފުޅަކު ކަނޑައެޅުން ދަރުބާރުގޭގައި


ރައްޔިތުން މަޖިލީހުގެ ރައީސާއި ނާއިބު ރައީސަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމް.ޑީ.ޕީން މެމްބަރެއް ކަޑައެޅުމަށް ބާއްވާ ވޯޓް މިރޭ ދަރުބާރުގޭގައި ބޭއްވުމަށް ނިންމައިފިއެވެ.

19 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރި 65 މެމްބަރުންނާއި އެކު އެމްޑީޕީން ބާއްވާ ފުރަތަމަ ޕީޖީ ގްރޫފްގެ ބައްދަލުވުން އޮންނާނީ މިރޭ 09:30 ގައެވެ.

މަޖިލީހުގެ ރައީސްކަމަށް ކަނޑައަޅާނެ މެމްބަރެއްގެ މައްސަލާގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީގެ ތެރޭގައިވަނީ ހިޔާލު ތަފާތުވުން އުފެދި ވާދަވެރިކަން ބޮޑުވެފައެވެ. އަދި ރައީސް ކަނޑައެޅުމަށް ވޯޓް ނަގާނެ ގޮތަކާއި މެދުވެސް ވަނީ ހިޔާލުތަފާތުވުން އުފެދިފައެވެ. އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފު ވިދާޅުވީ ރައީސަކު ކަނޑައަޅަން ވޯޓް ނަގާނީ ސިއްރުންތޯ ނޫނީ އަތް ނަގައިގެންތޯވެސް ނިންމާނީ މިރޭގެ ބައްދަލުވުން ފެށުމަށްފަހު ކަމަށެވެ.

މަޖިލީހުގެ ރައީސްކަމަށް އެމްޑީޕީން ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

މި ބޭފުޅުންގެ ތެރެއިން ރައީސްކަމަށް އެންމެ ވާދަކުރައްވަނީ އަފީފާއި އަސްލަމްއެވެ. މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަޤާމަށް އެމް.ޑީ.ޕީން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ގަލޮޅު އުތުރުދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ އެވެ.

މަޖިލިސް ރައީސްކަމަށް އަންނާނެ ބޭފުޅެއްގެ ވޯޓު ނެގުން މަޖިލީހުގައި އޮންނާނީ މާދަމާރޭ އޮންނަ ހުވާކުރުމުގެ ޖަލްސާގައެވެ.