ޚަބަރު

ޒެލޯން ބަލިކޮށް ސެމީގެ ފުރަތަމަ ޖާގަ ބޭރުމަތި ކަށަވަރުކޮށްފިި


އައްޑޫސިޓީ މަރަދޫ ވެންބޮޅަފިށި ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ ހެޕީމާކެޓް ގޯދިއްޔާ ފުޓުސަލް ކަޕްގެ ސެމީ ފައިނަލުން ޖާގަހޯދި ފުރަތަމަ ޓީމަކަށް އެންމެ ފަހު ދެ އަހަރުގެވެސް ޗެމްޕިއަނުން އެފް.ސީ ބޭރުމަތި ވެއްޖެއެވެ.

ބޭރުމަތި ސެމީފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ކުއާޓަރ ފައިނަލްގެ ފުރަތަމަ މެޗުގައި އެފްސީ ޒިލޯން 2-5 ގެ ނަތީޖާ އަކުން ބަލިކޮށްގެންނެވެ.

ވާދަވެރިވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި ފުރަތަމަ ލީޑުނެގީ ބޭރުމައްޗެވެ. ދެލަނޑުގެ ލީޑުގައި ކުޅެމުން ދަނިކޮށް ޒިލޯން ވަނީ ލަނޑެއް ޖަހައި ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ. މެޗްގެ ދެވަނަ ހާފުގައި ޒެލޯންގެ ހަމަލާތަށް ބޭރުމަތި ޓީމަށް އަމާޒުވެ ފުރަތަމަ ދެތިން މިނިޓް ތެރޭގައި ޒިލޯން ވަނީ ލަނޑެއްޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. ޒެލޯން ގެ ހަމަލާތައް އަމާޒުވެގެން ދިޔަ ނަމަވެސް ބޭރުމަތިން ވަނީ ޒެލޯންއަށް މެޗުގައި ލީޑު ނެގުމުގެ ފުރުސަތު ނުދީ އިތުރު ތިން ލަނޑުޖަހާފައެވެ.

އެފްސީ ބޭރުމަތީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އެޓީމުގެ އަޙުމަދު ނާޝިދު، ޙަސަން މިރާޙު، ޢަލީ ހާފިޒް އަދި އިބްރާހީމް މުބީން އަޙުމަދު ރަޝީދެވެ. މުބީން ވަނީ މެޗުގައި ދެލަނޑު ޖަހާދީފައެވެ. ޒިލޯންގެ ލަނޑުތައް ޖަހައިފައިވަނީ ޙުސައިން އައިކާއި ޙަސަން ލައުޙުއެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ބޭރުމަތީގެ ޖާޒީނަމްބަރު 9 ޢަލީ ހާފިޒެވެ.