ޚަބަރު

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ، ގިނަ ކަންކަން ރަނގަޅުކުރަން ޖެހޭ - އެޗްއާރްސީއެމް


ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ މީހުންގެ ބޭސްފަރުވާގެ އިތުރުން ބަލި މީހުނަށް ފޯރުކޮށްދޭންޖެހޭ ތެރަޕީތަކާއި އެހެނިހެން ޚިދުމަތްތައް މިހަރަށްވުރެ ހަރުދަނާކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ގޮވާލައްވައިފިއެވެ.

ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޙާލަތު ބެލުމަށް އެޗްއާރުސީއެމްގެ ޓީމަކުން ކުރި ޒިޔާރަތުގައި ފަހަގަކުރެވިފައިވާ ކަންކަމާއި ގުޅޭގޮތުން އެކޮމިޝަނުން އެކުލަވާލި ރިޕޯޓުގައިވަނީ ބޭސްފަރުވާއާއި ބަލިމީހުނަށް ބޭނުންވާ ތެރަޕީތައް އެންމެ އެދެވޭ ގޮތަކަށް ފޯރުކޮށްދެވެމުން ނުދާކަމަށެވެ. އަދި އެކަން މިހާރަށްވުރެ ހަރުދަނާކުރުމަށް އެކޮމިޝަނުން ގޮވާލައްވާފައިވެއެވެ. މީގެއިތުރުން ބަލިމީހުނަށް އަންނަ ބަދަލު ދެނެގަތުމަށް ހެދޭ އެސެސްމެޓުތައް ގަވައިދުން ނެހެދޭކަމަށްވެސް ފާހަގަކުރެވިފައިވާކަމަށާ، ބަލި މީހުން ބައިތިއްބާ ވޯޑުތަކުގައި ކަނޑައެޅިފައިވާ މިންވަރަށްވުރެ އިތުރަށް މީހުން ބައިތިއްބާފައިތިބޭކަން ފާހަގަކުރެވޭކަމަށްވެސް މިރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.

އަދި މަރުކަޒުގައި ބަލިމީހުން ބަލަހައްޓާ ކެއަރ ވޯކަރުންގެ ޢަދަދު މަދުކަން ފާހަގަކުރެވިފައިވާކަމަށާ، ރަށުގައި ޤާއިމްކޮށްފައިވާ ފެން ޕްލާންޓުން މުޅި ރަށަށް ބޭނުންވާވަރަށް ފެން އުފައްދާ ނުދޭތީ ހަފްތާއަކު ތިން ހަތަރު ދުވަހު މަރުކަޒުން ފެނުގެ ޚިދުމަތް ކެނޑޭކަންވެސް ފާހަގަކުރެވިފައި ވާކަމަށް މިރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެެ.

މިކަންކަން ރަނގަޅުކުރުމަށް ކަމާއި ގުޅުންހުރި ފަރާތްތަކާ މިރިޕޯޓު ހިއްސާކޮށްފައިވާނެކަމަށް އެޗްއާރުސީއެމުން ވިދާޅުވެއެވެ.