ސިޔާސީ

އަދީބު ފިސްތޯލަ ގެންގުޅުނު މައްސަލައިގެ އިސްތިއުނާފް އަޑުއެހުން ފަސްކޮށްފި


ފިސްތޯލައެއް ގެންގުޅުނު މައްސަލައިގައި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް އިއްވި ޖަލު ޙުކުމް ބާތިލް ކުރުމާމެދު ގޮތެއް ނިންމުމަށް ތާވަލްކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.

2015ވަނަ އަހަރު "މޭޑޭ"ގެ ނަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއާ ގުޅިގެން އަދީބު ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ އެނާގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2016ވަނަ އަހަރުވަނީ ޙުކުމް ކުރައްވާފައެވެ. އަދި އެ ޙުކުމަށް ހައިކޯޓުން ވަނީ ތާޢީދުވެސް ކުރައްވާފައެވެ.

މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ތާވަލްކޮށްފައި ވަނީ މިއަދު މެންދުރު 12:45 ހާއިރަށެވެ. ނަމަވެސް އަޑުއެހުން ކެންސަލް ކުރި ސަބަބު ކޯޓުން ހާމައެއް ނުކުރައްވައެވެ. އަދި އަލުން އަޑު އެހުން ބާއްވާނެ ދުވަހެއްވެސް ކޯޓުން ހާމައެއް ނުކުރައްވައެވެ.

މި މައްސަލަ އަދީބުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ދަޢުލަތުން ވަނީ އަދީބު ގެންގުޅުނު ފިސްތޯލައަކީ އަސްލު ފިސްތޯލައެއްކަން ހެކިންގެ ހެކިބަހުން ސާބިތުނުވާ ކަމަށް ވިދާޅުވެފައެވެ. އަދި މި މައްސަލައިގައި އަދުލުވެރި ޙުކުމެއް ކޮށްދިނުމަށް ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައެވެ.

އެކަމާއިގުޅިގެން ފިސްތޯލައެއް އެއްވެސް ސިފައެއްގައި ގެންގުޅުނިންތޯ ފަނޑިޔާރުންގެ ބެންޗުން އަދީބާ ސުވާލުކުރެއްވުމުން އޭނާ ވިދާޅުވީ ފިސްތޯލައެއް ގެންގުޅުނުކަމަށް ބުނެ އޭނާއަށް ދައުވާކުރީ އޭރު އަދާކުރައްވަމުންގެންދެވި ދިވެހިރާއްޖޭގެ ނާއިބު ރައީސްގެ މަޤާމުން ވަކިކުރުމަށް ކަމަށާއި، އެހެންކަމުން އެއީ ސިޔާސީ ދައުވާއެއްކަމަށެވެ. އަދި އޭނާއާއި ދެކޮޅަށް ސިއްރު ހެކިން ދިން ހެކިބަހަކީ ކަނޑައެޅިގެން ދޮގު ހެކިބަސްތަކެއް ކަމަށާއި، ދުވަހަކުވެސް ފިސްތޯލެއް ނުގެންގުޅުއްވާކަމުގައި އަދީބު ވަނީ ވިދާޅުވެފައެވެ.

ޓެރަރިޒަމްގެ ދައުވާއާއި ގުޅިގެން ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް އިއްވި ޖަލު ޙުކުމަށް ހައިކޯޓުން ތާޢީދުކުރީވެސް އޭރު ދައުލަތުން އެގޮތަށް ވަކާލާތު ކުރުމުން ކަމަށްވާއިރު، އެކަމާއި ގުޅޭގޮތުން މިހާރު ދައުލަތުގެ ފަރާތުން އެދޭގޮތް ސާފުކޮށްދިނުމަށް ދަޢުލަތުގެ ވަކީލުންގެ އަރިހުން ފަނޑިޔާރުންގެ ބެންޗުން ވަނީ އެދިވަޑައިގެންފައެވެ.

ދަޢުލަތުގެ ވަކީލު ވިދާޅުވީ މިމައްސަލާގައި ކްރިމިނަލް ކޯޓުގައި ދީފައިވާ ހެކިބަސްތަކުން ޝައްކެއްނެތް މިންވަރަށް މައްސަލަ ސާބިތުނުވާކަމަށާއި، އަދީބު ގެންގުޅުނީ ފިސްތޯލެއްކަން ޔަގީންކުރުމަށް ޙަބީރުންގެ [ކަމާ ގުޅޭ ތަޖުރިބާކާރުންގެ] ހެކިބަހާއި، ފުރިހަމަ ތަޙުގީގު ރިޕޯޓެއް ހުށަހަޅަންޖެހޭކަން މައްސަލަ ރިވިއުކުރުމުން އެނގިގެން ދިޔަކަމަށެވެ. އެހެންކަމުން ކުރިމިނަލް ކޯޓާއި ހައިކޯޓުގެ ޙުކުމްވެސް ވެސް ރަނގަޅު ނޫންކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.

މިމައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި މައްސަލައާއި ގުޅޭ ފަހު ފުރުސަތު އަދީބަށް އެރުވުމުން އޭނާގެ ވަކީލު ވިދާޅުވީ، އަދީބުގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކަށް ޕީޖީ އޮފީހުންވެސް އިއުތިރާފްވެފައިވާ ކަމަށެވެ. އެހެންކަމުން ކްރިިމިނަލް ކޯޓުން ކުރި ޙުކުމާއ އަދި ދަށު ކޯޓުގެ ޙުކުމަށް ހައިކޯޓުން ތާޢީދުކޮށް ކުރި ޙުކުމަކީވެސް ބާތިލް ދެ ޙުކުމްކަން ސާފުވެގެން ހިނގައްޖެ ކަމަށެވެ. އެހެންކަމުން ދަޢުލަތުން އެދުނު ގޮތަށް އަދީބުގެ މައްޗަށް އިއްވާފައިވާ ޙުކުމް ބާތިލުކުރުމަށް އަދީބުގެ ވަކީލުވެސް ވަނީ އެދިފައެވެ.

މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، އާއި އަލްއުސްތާޒު އާދަމް މުހައްމަދު އަބްދުﷲ، އާއި ފަނޑިޔާރު އަލްއުސްތާޒު ޢަބްދުލްޣަނީ މުހައްމަދެވެ.