މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އާއްމުން އެއްވެ އުޅޭތަންތަނަށް ދިރާގުން ހިލޭ ވައިފައިގެ ޚިދުމަތް ދޭންފަށައިފިއެވެ.
ދިރާގުން ބުނީ މިއަދުން ފެށިގެން ރަސްރަނި ބަގީޗާއާއި އެހެނިހެން ޕާކުތަކާއި އާއްމުން އެއްވެ އުޅޭތަންތަނުން ހިލޭ ވައިފައި ލިބޭނޭކަމަށެވެ.
މިކަމަށްޓަކައި މިއަދު ރަސްރަނި ބަގީޗާގައި ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވީ، ޕާކް ފަދަ އާއްމު ރައްޔިތުން ހިތްހަމަ ޖައްސާލުމަށް ޒިޔާރަތްކުރާ ތަންތަނަށް ހިލޭ ވައިފައި ދޫކުރުމުގެ މަގުސަދަކީ، ރާއްޖޭގައި ޑިޖިޓަލް ޚިދުމަތްތައް ފަސޭހަކޮށް ބޭނުންކުރުމަށް މަގުފައި ކޮށްދިނުންކަމަށެވެ. އިންޓަނެޓްގެ ޚިދުމަތް މިއަދު ޒަރޫރީ ޚިދުމަތަކަށް ވެފައިވާއިރު ދިރާގުން މަސައްކަތްކުރަނީ އާއްމުނަށް ލުއި ފަސޭހަވާނޭފަދަ ގޮތަކަށް އިންޓަރނެޓް ބޭނުންކުރެވޭނެ މަގު ތަނަވަސްކޮށްދިނުންކަމަށް އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.
މާލެ ސިޓީގެ މޭޔަރ ސިފާ މުހަންމަދު ވަނީ މިއަދަކީ މާލެ ސިޓީ އަށް ކާމިޔާބު ދުވަހެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ޕާކް ފަދަ ތަންތަނަށް ވައިފައިގެ ޚިދުމަތް ހިލޭ ދޭންފެށުމުގެ ސަބަބުން މާލެ ސިޓީގައި ދިރިއުޅެމުންދާ އަތޮޅުތެރޭގެ ރައްޔިތުންގެ އިތުރަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އެމީހުންގެ އާއިލާތަކަށް ފަސޭހަކަމާއިއެކި މުއާމަލާތްކުރުމުގެ ފުރުސަތު ލިބިގެންދާނޭކަމަށް މޭޔަރު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ޕާކުތަކުގައި ކިޔަވަން ތިބޭ ކުދިންނަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް މޭޔަރ ވިދާޅުވިއެވެ.
ދިރާގުން ބުނީ ވައިފައި ހޮޓްސްޕޮޓް ލިބޭ ނިޝާން ދައްކައިދޭ ބޯޑު ފެންނަން ހުންނަ ސަރަހައްދުތަކަށް ހިލޭ ވައިފައި ލިބޭނެކަމަށެވެ. ހިލޭ ވައިފައި ދޫކުރާނީ ދިރާގް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކުވެސް 30 މިނެޓަށެވެ.