ޚަބަރު

ލީގާއެކު ޖަރުމަން ކަޕުވެސް ބަޔާން އުފުލާލައިފި


ދެހާސް ސޯޅަ ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ބަޔާން މިޔުނިކްއިން ޖަރުމަން ބުންޑަސްލީގާ އާއެކު ޖަރުމަން ކަޕް، ޑީ.އެފް.ބީ ޕޯކަލްވެސް ކާމިޔާބުކޮށްފައިއެވެ.

ބަޔާން ޖަރުމަން ކަޕް ކާމިޔާބުކުރީ މިރޭ ކުޅުނު ފައިނަލް މެޗުގައި އާރް.ބީ ލިޕްޒިގް ތިނެއް ސުމަކުން ބަލިކޮށްގެންނެވެ. މިމެޗުގައި ބަޔާންގެ ފުރަތަމަ މެޗުގެ އޮނަތިރީސް ވަނަ މިނެޓުގައި ޖަހައިދީ ބަޔާންއަށް މެޗުގައި ލީޑް ނަގައިދިނީ ފޯވާޑް ރޮބާޓް ލެވަންޑޮއުސްކީއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ބަޔާން މިޔުނިކްގެ ގޯލް ކީޕަރު އަދި ކެޕްޓަން މެނުއަލް ނޯޔާ ވަނީ މޮޅު ކުޅުމެއް ދައްކާ މެޗުގައި ގިނަ ސޭވްތަކެއް ކޮށްފައެވެ. އެކެއް ސުމަކުން ކުރީގައި އޮވެގެން ބަޔާން ފުރަތަމަ ހާފް ނިންމާލިއިރު މެޗުގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ބާރަ މިނެޓަށް ވެފައިވަނިކޮށެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފަރާންސް މިޑްފިލްޑަރު ކިންގްސްލީ ކޯމަންއެވެ. އަދި މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ބަޔާންގެ ތިން ވަނަ ލަނޑު ޖަހައިދީ މުބާރާތުގެ ޗެމްޕިއަންކަން ބަޔާންއަށް ޔަގީންކޮށްދިނީ މެޗުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އިތުބާރު ފޯވާޑް ލެވަންޑޮއުސްކީއެވެ.

މިއީއެކު ބަޔާންގެ ކޯޗު ނިކޯ ކޮވަޗް ވެގެންގޮސްފައި ވަނީ ޖަރުމަން ބުންޑަސްލީގާ އާއި ޖަރުމަން ކަޕް ޑީ.އެފް.ބީ ޕޯކަލް އެއް ސީޒަނެއްގައި ކާމިޔާބުކޮށް ޑަބަލް ކުޅުންތެރިއެއްގެ ގޮތުގައާއި ކޯޗެއްގެ ގޮތުގައި ހާސިލްކުރި ފުރަތަމަ ފަރާތައް ވެފައެވެ.

ޖަރުމަން ކަޕްގައި މިރޭ ކުޅުނު މެޗަކީ ބަޔާންގެ ގިނަދުވަސްވީ ދެ މިޑްފިލްޑަރުން ކަމުގައިވާ ފްރާންސްގެ ފްރާންކް ރިބަރީ އާއި ނެދަލޭންޑްސްގެ އާރްޔަން ރޮބެން ބަޔާންއަށް ކުޅެދިން އެންމެ ފަހު މެޗަށެވެ. ފްރާންކް ރިބަރީ ވަނީ ބަޔާންގައި ހޭދަކުރި ދުވަސްތަކުގެ ތެރޭގައި އެޓީމަށް ހަތަރު ސަތޭކަ ފަންސަވީސް މެޗު ކުޅެދީ 24 ތަށި ކާމިޔާބުކޮށްފައެވެ. އަދި ރޮބެން ވަނީ ބަޔާންއަށް ތިން ސަތޭކަ ނުވަ މެޗު ކުޅެދީ 21 ތަށި ބަޔާންއާއެކު ކާމިޔާބުކޮށްފައެވެ.

މި ދެކުޅުންތެރިންވެސް ވަނީ މެޗުގެ ދެވަނަ ހާފްގައި ކުޅެން އަރާ ސީޒަންގެ އެންމެ ފަހުމެޗުގައި ބަޔާންއަށް ކުޅޭ އެންމެ ފަހު މެޗު ކުޅެފައެވެ. މި ދެކުޅުންތެރިންގެ އިތުރުން ބްރެޒިލްގެ ޑިފެންޑަރު ރަފިންހާވެސް ވަނީ ތައްޓަކާއެކު ބަޔާން ދޫކޮށްލާފައެވެ.