ޚަބަރު

ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސައިކަލްތަކެއްގެ ބައިތަކެއް ހިތަދޫގެ ގެއަކުން ފެނިއްޖެ


ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސައިކަލުތަކެއްގެ ބައިތަކެއް ހިތަދޫގެ ގެއަކުން ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ ސ. ހިތަދޫ ޕޮލިސް ސްޓޭޝަނުން ރޭ ހިންގި އޮޕަރޭޝަނެއްގައި، ހިތަދޫގެ ގެއެއް ބަލާއި ފާސް ކުރިއިރު ވަގަށް ނަގާފައިވާ ސައިކަލްގެ ބައިތަކެއް ފެނިފައިވާކަމަށެވެ.

މި ތަކެތި ފެނިފައިވަނީ ވަގަށް ނަގާފައިވާ ތަކެތި ހުރެދާނެ ކަމަށް، ޝައްކު ކުރެވޭ ގޯއްޗެއް ބަލައި ފާސްކުރުމަށް ރޭ ދިހައެއް ޖަހާކަން ހާއިރު ފުލުހުން ހިންގި އޮޕަރޭޝަންގައެވެ. އެ ގެއިން ފެނުނު ތަކެތީގެ ތެރޭގައި ސައިކަލުގެ ބައިތަކެއް އަޅާފައިވާ ދެ ގޯނި ހިމެނޭކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި މި ތަކެއްޗަކީ ވަގަށް ނަގާފައިވާ ސައިކަލުގެ ބައިތަކެއް ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ އާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވަކަމަށް ފުލުހުން މަޢުމޫމާތުދެއެވެ.