ޚަބަރު

ވެލި ބަރުކޮށްގެން ދިޔައީ ބްރިޖް ހެދި ކުންފުނީގެ ބޯޓެއް ނޫން - ޗައިނާ އެމްބަސީ


ޤަވާއިދާއި ހިލާފަށް ވެލި އުފުލަނިކޮށް ހިފެހެއްޓި އުޅަނދަކީ ބްރިޖް ހެދި ސީ.ސީ.ސީ.ސީ ސެކްނަޑް ހަރބަރ އިންޖިނިއަރިންގ ކުންފުނީގެ ބޯޓެއް ނޫންކަމަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ބުނެފިއެވެ.

ފުލުހުން ބުނީ ވެލިބަރުކޮށްގެން ދަނިކޮށް އަތުލައިގެން ބޯޓަކީ ބްރިޖް ހެދި ކުންފުނީގެ ސަބް ކޮންޓްރެކްޓަރ ބޯޓެއް ކަމަށް ޗައިނާ އެމްބަސީން ބުނެފައިވާކަމަށެވެ. އަދި އެ ސަބް ކޮންޓްރެކްޓް އުވާލާފައިވާކަމަށް އެމްބަސީން ބުނެފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. ޗައިނާ އެމްބަސީ އާއި ހަވާލާދީ ފުލުހުން ބުނީ ވެލި ބަރުކޮށްގެން ދިޔަ ބޯޓަކީ ހުނާން އުބޯ ޓެކްނޮލޮޖީ ލިމިޓެޑްގެ ބޯޓެއް ކަމަށެވެ.

ކަސްޓަމްސް އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޤަވައިދާ ހިލާފަށް ވެލި ބަރުކޮށްގެންދަނިކޮށް އަތުލައިގެންފައިވަނީ ބްރިޖް ހެދި ކުންފުނީގެ ބޯޓެއްކަމަށެވެ. ޢަދި އެ ބޯޓަކީ ކަސްޓަމްސް އިން ނަަގަންޖެހޭ ހުއްދަތަކެއް ނުނަގާ ރާއްޖޭގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އައި އުޅަނދެއްކަމަށްވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

ކަސްޓަމްސްއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު، ރާއްޖޭގައި ބަނދަރުކުރުމާއި، ގޮސް އައިސް އުޅުމާއި، އެފަދަ އުޅަނދުތަކަށް ތަކެތި އަރުވައި ބާލާ ހެދޭނީ ކަސްޓަމްސްގެ ޚާއްސަ ހުއްދައެއްގެ ދަށުންކަމަށެވެ.

ޤަވައިދާއި ޚިލާފަށް ވެލި އުފުލަނިކޮށް، އެމްއެންޑީއެފާއި ފުލުހުން ހިިފެހެއްޓި އުޅަނދަކީ ސިނަމާލެ ބްރިޖުގެ މަސައްކަތްކުރި، ޗައިނާގެ ސީސީސީސީ ކުންފުނީގެ ނަމުގައި އެތެރެކޮށްފައިވާ ބޯޓެއްކަމަށާއި އެ ބޯޓު ދަތުރުކުރަމުންދަނީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ނެތިކަމަށް ކަސްޓަމްސްގެ ބަޔާނުގައިވެއެވެ.

"މި އުޅަނދަކީ ސިނަމާލެ ބްރިޖްގެ ޕްރެޖެކްޓްގައި ބޭނުންކުރުމަށް ޗައިނާގެ ސީ.ސީ.ސީ.ސީގެ ކުންފުނީގެ ނަމުގައި އެތެރެކޮށްފައިވާ ބޯޓެއް. އަދި މި އުޅަނދު ދަތުރުކުރަމުންދަނީ ކަމާއި ބެހޭ ފަރާތްތަކުގެ ހުއްދައެއް މެތިކަން މިހާތަނަށް ބެލިބެލުމުން އެނގޭ" ކަސްޓަމްގެ ބަޔާނުގައިވެއެވެ.

ރާއްޖެ އެތެރެވާ ބޭރުގެ އުޅަނދުތައް ރާއްޖޭގައި ހިންގާ އެންމެހާ މުޢާމަލާތްތައް ހިންގަންޖެހޭނީ ކަސްޓަމްސްގެ ހުއްދަ ހޯދައިގެންކަމަށާއި މިފަދަ ބޮޑެތި ޕްރޮޖެކްޓްތަކުގައި ބޭނުންކުރަން ރާއްޖެއަށް އެތެރެކުރާ އުޅަނދުތައް އެހެނިހެން ބޭނުންތަކަށް ބޭނުންކުރުމަކީވެސް ކަސްޓަމްސްގެ ޤާނޫނު މަނާކަމެއްކަމަށްވެސް ކަސްޓަމްސްގެ ބަޔާނުގައިވެއެވެ. އަދި މި ފަދަ އުޅަނދު ފަހަރުގެ ކަންކަން މި އޮފީހުން ބަލަހައްޓަމުން ގެންދަނީ އުޅަނދަށް އައްޔަންކުރާ ކަސްޓަމްސް ރަޖިސްޓްރީކުރެވިފައިވާ ލޯކަލް އެޖެންޓް މެދުވެރިކޮށްކަމަށްވެސް ކަސްޓަމްސްގެ ބަޔާނުގައިވެއެވެ.

މި މައްސަލަ ކަމާއި ބެހޭ މުއައްސަސާތަކާއި ގުޅިގެން ތަހުޤީޤުކުރަމުން އަންނަކަމަށާއި މިކަމުގައި ޝާމިލުވާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅުއަޅާނެކަމަށް ކަސްޓަމްސްގެ ބަޔާނުގައިވެއެވެ.

މި ބޯޓް ލ ހިތަދޫ ކައިރިން ފެނިގެން ރިޕޯޓްކުރުމުން އެ ބޯޓަށް ފުލުހުންނާއި ސިފައިން އަރާ ބަލާ ފާސްކުރިއިރު މި ބޯޓުގައި ރެޖިސްޓްރޭޝަން ނަމްބަރެއް އަދި ދިދައެއް ވެސް ނެތްކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނެފައިވަނީ މި ބޯޓަކީ ހުވަދު އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް ދަތުރުކުރަމުންދިޔަ ބޯޓެއްކަމަށާއި ބޯޓު ލ.ތޮޅުގައި މަޑުކުރަން ޖެހުނީ ވިއްސާރަވެ ކަނޑުގަދަވުމާއި ގުޅިގެންކަމަށެވެ.

ބޯޓު ބަލާ ފާސްކުރިއިރު ބޯޓަށް ގިނަ އަދަދަކަށް ވެލި އަޅާ ބަރާކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. ޢަދި މި ވެއްޔަކީ ބޯޓުގައި ހުރި ބަރު ވެހިކަލްތައް ބެލެންސް ކުރުމަށް އަޅާފައިވާ ވެލިތަކެއްކަމަށް ބޯޓުގައި މަސައްކަތްކުރާ މީހުން ބުނެފައިވާކަމަށާއި ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ވެލި ނަގަން ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގެ ހުއްދަ ދިންކަން އެނގޭ އެއްވެސް ލިޔުމެއް ބޯޓުގައި ނެތްކަމަށްވެސް ފުލުހުން ބުނެއެވެ.

އެންވަޔަރަމެންޓް މިނިސްޓަރ ޑރ ޙުސެއިން ރަޝީދު ޙަސަން ވަނީ މި ބޯޓުގެ މައްސަލަ ބަލައި އެކަން ތަޙްޤީޤުކުރުމަށް ފުލުހުންގެ ކިބައިންވެސް އެދިފައެވެ.