ކުޅިވަރު

ޖަރުމަނު ކަޕުގެ ފައިނަލުގައި ނޯޔާ ކުޅޭނެ - ނިކޯ ކޮވަކް


ޖަރުމަން ކަޕް ފައިނަލްގައި މިރޭ ލީޕްޒިގާއި ދެކޮޅަށް ގޯލްކީޕަރު މެނުއަލް ނޯޔާ ކުޅޭނެކަމަށް ކޯޗު ނިކޯ ކޮވަކް ބުނެފިއެވެ.

ނޯޔާއަށް އަނިޔާވީ މިދިޔަ އޭޕްރީލްމަހުގެ 14ވަނަ ދުވަހު ބަޔާން ލީގުގައި ކުޅުނު މެޗުގައެވެ. އޭގެ ފަހުން ހަ ހަފްތާއަށް އޭނާ ހުރީ ކުޅުމާއި ދުރުގައެވެ.

ނޯޔާ މި މެޗަށް ފިޓުވިއިރު ކޯޗުގެ ކަންބޮޑުވުމަކީ ކުލަބު ދޫކޮށްލަން ނިންމާފައިވާ ތިން ތަރިންކަމަށްވާ ރޮބެން، ރިބެރީ އަދި ރަފީންއާއަށްވެސް މި މެޗުގައި ފުރުސަތުދޭން ޖެހުމެވެ. މުހިންމު މެޗަކަށް ނިކުނަންއިރު ފޯމުގައި ތިބި ކުޅުންތެރިންގެ ބަދަލުގައި މި ތިން ކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހުމަކީ އުނދަގޫ ނިންމުމަކަށްވާނެކަމަށް ބެލެވެއެވެ.

މިރޭ ކުޅޭ ޖަރުމަން ކަޕް ފައިނަލް މެޗަކީ ރަފީންހާ، ރިބެރީ އަދި ރޮބެން ބަޔާނަށް ކުޅެދޭނެ ފަހު މެޗެވެ. މި މެޗަށް ނިކުންނައިރު ކޯޗު ނިކޯ ކޯވަކް މަގާމުން ވަކިކޮށްފާނެކަމަށް އަޑުވަނީ ފެތުރިފައެވެ.

އެހެންނަމަވެސް ބަޔާންގެ ސީއީއޯ ރުމިނޭގޭވަނީ ކޯވަކް ބަޔާނުގައި މަޑުކުރާނެކަމަށް ބުނެފައެވެ. އަދި ބަޔާނުގައި ކޯވަކް ބަހައްޓަން ބޭނުންވާކަމަށްވެސް ރުމިނޭގޭ ބުންޏެވެ. ކޯވަކް ބަޔާނާއި ހަވާލްވީ މިދިޔަ އަހަރުއެވެ.