ކުޅިވަރު

ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލު ސްކޮޑުގައި ރޮނާލްޑޯ ހިމަނައިފި


އަންނަ މަހު އޮންނަ ޔޫއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލް މެޗަށް ނެގި ޕޯޗުގަލް ސްކޮޑުން ކެޕްޓަން ރޮނާލްޑޯއަށް ކޯޗު ފުރުސަތުދީފިއެވެ.

ކޯޗު މިފަހަރުގެ ސްކޮޑުން ރޮނާލްޑޯއަށް ފުރުސަތުދިންއިރު، ފީފާ ވޯލްޑްކަޕަށްފަހު ޕޯޗުގަލްގެ ޤައުމީ ޓީމަށް އޭނާ ކުޅެފައެއް ނުވެއެވެ. ކެޕްޓަން ރޮނާލްޑޯއާއިއެކު ފޯވާޑް ލައިނަށް ކޯޗު ނެގި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ ބެންފީކާގެ ޒުވާން ތަރި ޔާއޯ ފެލިކްސްއެވެ.

19 އަހަރުގެ ފެލިކްސްއަކީ ދުނިޔޭގެ ބޮޑެތި ކުލަބުތަކުން މިހާރު ހޯދަން މަސައްކަތްކުރަމުން އަންނަ ފޯވާޑެކެވެ. ފެލިކްސްވަނީ ޕޯޗުގަލް ލީގުގައި ކުޅުނު 26 މެޗުގައި 15 ގޯލް ޖަހާފައެވެ.

މި ސްކޮޑުގައި ޕްރިމިއަރ ލީގުގެ ވުލްވްސްގެ ހަތަރު ކުޅުންތެރިއަކަށް ކޯޗު ސަންތޯވަނީ ފުރުސަތުދީފައެވެ. އެއީ ކީޕަރު ރުއީ ޕެޓްރީސިއޯއާއި، ޔާއޯ މުޓީނިއޯ، ރުބެން ނެވޭސް އަދި ޑިއޯގޯ ޔޮޓާއެވެ.

ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލްގައި ޖޫން ފަސްވަނަ ދުވަހު ޕޯޗުގަލް ނިކުންނާނީ ސްވިޒަލެންޑާއި ދެކޮޅަށެވެ. މި މެޗުން މޮޅުވެއްޖެނަމަ އެޓީމް ފައިނަލްގައި ނިކުންނާނީ އިންގްލެންޑާއި ނެދަލެންޑްސް ވާދަކުރާ ސެމީ ފައިނަލުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.