ކުޅިވަރު

ދީމާ ހޯދީ ހުވަފެނުންވެސް ނުފެންނަ ވަރުގެ ކާމިޔާބީއެއް - ޝިއުރީ


އޭޝިއާ ހޯޕްސްއިން ދީމާ އަލީ ހޯދި ކާމިޔާބީއަކީ، ހުވަފެނުންވެސް ނުދެކޭވަރުގެ ބޮޑު ކާމިޔާބީއެއް ކަމަށް ދީމާގެ ކޯޗް އިބްރާހިމް ޝިއުރީ ބުނެފިއެވެ.

ޝިއުރީ ބުނީ، އޭޝިއާ ހޯޕްސްއިން ރަންމެޑަލް ނުގެނެވުނު ކަމުގައި ވިޔަސް ރިހިމެޑަލް އަކީވެސް އޭޝިއާ ބައްރަށް ބަލައިފިނަމަ ބޮޑު ކާމިޔާބީއެއް ކަމަށާއި، ޚާއްސަކޮށް ވޯލްޑް ހޯޕްސްއިން ޖާގަ ލިބުމަކީ އަގު ނުކުރެވޭނެފަދަ ބޮޑު ކުރިއެރުމެއް ކަމަށެވެ.

އަދި މުބާރާތުގެ ފަނަރަ އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކޮށް ސެމީފައިނަލްގައި ވާދަކުރުމަކީވެސް ފާހަގަ ކުރަން ޖެހޭވަރުގެ ކާމިޔާބީއެއް ކަމަށްވެސް ޝިއުރީ ބުންޏެވެ.

ޝިއުރީ ބުނީ، ޓޭބަލް ޓެނިސްގައި ޗައިނާ، ހޮންގް ކޮންގް ފަދަ ތަންތަނަކީ ސުޕަ ޕަވާސް ކަމަށާއި، އެގައުމުތަކާއި އެކު ދީމާ ރަނގަޅު ފައިޓެއް ދިނުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"އަސްލުމީ ހުވަފެނުންވެސް ނުފެންނަ ވަރުގެ ކާމިޔާބީއެއް ގޮތަށް އަޅުގަނޑު ފާހަގަ ކުރާނީ، އެއީ ވޯލްޑް ހޯޕްސްއިން ޖާގަ ލިބިފައި، އަދި ފަނަރަ އަހަރުން ދަށުގައި، ދީމާއަށްވުރެ ބޮޑެތި ކުޅުންތެރިންނާއި ވާދަކޮށް ސެމީފައިނަލިސްޓަކަށްވެ، ޗައިނާ ހިންގ ކޮންގ ފަދަ ޓީޓީގެ ސުޕަ ޕަވާސް އާއިއެކު އެވޯޑިން ސެރަމަނީ ޝެއާ ކޮއްލީމާ އެއީ ހަމަ ހުވަފެނެއް ހަގީގަތަކަށްވުން." ޝިއުރީ ބުންޏެވެ.

ޝިއުރީ ބުނީ ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށްފަހު ދީމާ ތައްޔާރުވާނީ ވޯލްޑް ހޯޕްސްއިންވެސް ރާއްޖެ ފަޚުރުވެރި ކޮށްދޭން ކަމަށެވެ.