ޚަބަރު

ޤާނޫނުލް އުޤޫބާތަށް ފުލުހުން އަހުލުވެރިކުރުވަނީ


ޤާނޫނުލް އުޤޫބާތު ތަންފީޒުކުރަން ފާސްކޮށްފައިވާ ތާރީޚުކަމަށްވާ އަންނަ
ޖުލައި މަހުގެ  ސޯޅައިގެ ކުރީން އެގާނޫނަށް
ހުރިހާ ފުލުހުންވެސް އަހްލުވެރިކުރެވޭނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން
ހާމަކޮށްފިއެވެ.



ގާނޫނުލް އުގޫބާތަށް ފުލުހުން
އަހުލުވެރިކުރުމަށް ކުރިއަށްގެންދާ ޓްރޭނިންނާއި ބެހޭ ގޮތުން މައުލޫމާތު މީޑިއާއަށް
ދެއްވަމުން  ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް
ހަސަން ޝިފާއު ވިދާޅުވީ، ތަހުގީގު
ކުރާ ފަރާތްތަކާއި ތަހުގީގު ކުރުމުގެ ޒިންމާ އަދާކުރާ ޑިޕާޓްމަންޓްތަކުގައި ހިމެނޭ
ފުލުސް އޮފިސަރުންނާއި ޑިޕާޓްމަންޓްގެ ވެރިންނަށް ހާއްސަ ކޮށްގެން ތިންދުވަހުގެ
މުއްދަތަށް ހަތް ޓްރެއިނިންގ ހިންގާފަ ކަމަށާއި، އެގޮތުން އެދާއިރާގައި
މަސައްކަތްކުރާ ނުވަދިހަ އަށް އިންސައްތަ ފުލުހުން ގާނޫނުލް އުގޫބާތަށް
އަހުލުވެރިކުރެވިފައިވާކަމަށެވެ.



މި ޕްރޮގްރާމުތަކުގައި ޖުމުލަ 515
ފުލުހުން މިހާތަނަށް ތަމްރީން ކުރެވިފައިވާއިރު، އޭގެތެރެއިން 120 ފުލުހުންނަކީ
ކޮމިޝަން އޮފިސަރުންކަން  ޝިފާއު ފާހަގަކުރެއްވިއެވެ.



ޝިފާއުވިދާޅުވީ މިހާރު ލިބިފައިވާ މަދު ދުވަސްކޮޅުގެ ތެރޭގައި ގާނޫނުލް
އުގޫބާތަށް ހުރިހާ ފުލުހުން އަހުލުވެރިކުރުމަށް ގޮންޖެހުންތަކެއްވެސް އެބަހުރިކަމަށާއި،
ނަމަވެސް ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރަމުން ކުރިޔަށް އޮތް އައްޑިހަވަރަކަށް
ދުވަހުގެ ތެރޭގައި މާލެއާއި އަތޮޅުތަކުގައި ތިބި ހުރިހާފުލުހުންވެސް އެގާނޫނަށް
އަހުލުވެރިކުރެވޭނެކަމަށެވެ.



ޝިފާއު ވިދާޅުވީ މިހާރުވެސް ގާނޫނުލް
އުގޫބާތަށް އަމަލުކުރަން ފެށިނަމަވެސް ފުލުހުންތިބީ އެކަމަށް ތައްޔާރަށް ކަމަށެވެ.




ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި އިސްލާހު ކުރަން ހުރި ކަންތައްތައް
ދެނެގަނެ އެކަންކަން އިސްލާހު ކުރުމަށް ދިރާސާ ކުރުމަށާއި އަލަށް ފާސްކުރެވޭ
ޤާނޫނުތަކަށް އަހުލުވެރިވުމުގެ ޕްރޮގްރާމްތަކާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް
އެޓާރނީ ޖެނެރަލްގެ އޮފީހުގައި ޤާއިމު ކުރެވިފައިވާ، ލީގަލްސެކްޓަރ
ރިސޯސް ސެންޓަރުގައި ފުލުހުންވެސް ހިމެނޭއިރު، ގާނޫނުލްއުގޫބާތަށް ފުލުހުންނާއި
އެހެނިހެންވެސް ފަރާތްތައް އަހްލުވެރިކުރުމަށް އެސެންޓަރުންދަނީ
މަސައްކަތްކުރަމުންނެވެ.