ތިމާވެށި

ރިޕޯޓް: ޖުމްހޫރީ މައިދާނަށް ޖަމާވާ ކޮތަރުތަކަށް އަޅާލުން


ޖުމްހޫރީ މައިދާނަށް ޖަމާވަމުންދާ ކޮތަރުތަަކަށް ސަރުކާރުން އިހުމާލުވަމުންދާ
ކަމަށް ދެެކެވެމުންދާ ވާހަކަތަކަކީ ސިޔާސީ ބޭނުމެއްގައި ދައްކަމުން ގެންދާ
ވާހަކަތަކެއް ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިނިވަން ފަންސާހަށް
ޖުމްހޫރީ މައިދާން ނަލަ ކުުރުމުގެ މަސައްކަތް ފެށި ހިސާބުން އެ ސަރަހައްދަށް
ޖަމާވާ ކޮތަރުތަކަށް ކާންދިނުމަށް މާލޭގެ ތިން ސަރަހައްދެެެއް ކަނޑައަޅާ، ކޮތަރުތަކަށް
ކާންދިނުމުގެ އިންތިޒާމް ހަމަޖައްސާފައިވާކަމަށްވެސްހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.



މިނިވަން ފަންސާހަށް ޖުމްހޫރީ މައިދާން ނަލަ ކުރުމުގެ މަސައްކަތް
ފަށާފައިވާއިރު، އެ ސަރަހައްދަށް ޖަމަވާ ކޮތަރުތަކަށް ކާން ދިނުން މަނާކޮށް
ހައުސިން މިނިސްޓްރީން ވަނީ ޖުމްހޫރީ މައިދާނުގައި ބޯޑެއް ޖަހާފައެވެ. މިއާއެކު
ކޮތަރަށް އަޅާނުލާކަމަށް ބުނެ ތަފާތު ވާހަކަތައް ފެތުރެން ފެށުނެވެ. ހާއްސަކޮށް
ސޯޝަލް މީޑިޔާގައި ސަރުކާރުން އެޅި މިފިޔަވަޅަށް ވަރަށް ބޮޑަށް
ފާޑުކިޔާފައިވެއެވެ.



ނަމަވެސް ހައުސިން މިނިސްޓްރީން ބުނީ ކޮތަރުތަކަށް ކާން ދިނުން މަނާކޮށް
ބޯޑެއް ޖަހާފައިވަނީ އާންމު ރައްޔިތުންގެ ސަލަމާތާއި ގުޅިފައިވާ ކަމަކަށްވަތީ
ކަމަށާއި، އެ ސަރަހައްދުގައި ބައެއް މަސައްކަތްތައް ކުރިއަށްދާއިރު ކުޑަކުދިން
ހިމެނޭހެން އާއިލާތައް ޖަމާވުމަކީ އެންމެ ރައްކާތެރިގޮތް ނޫން ކަމަށެވެ. ހައުސިން
މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރ އަބްދުﷲ ޝަރީފް ވިދާޅުވީ ބޯޑު ޖެހުމުގެ
ކުރިންވެސް ޖުމްހޫރީ މައިދާނަށް ޖަމާވާ ކޮތަރުތަކަށް ކާން ދިނުން ހުއްޓާލާފައިވާ
ކަމަށާއި، އޭގެ ބަދަލުގައި މާލޭގެ ތިން ސަރަހައްދެއްގައި ކޮތަރުތަކަށް
ކާންދެމުންދާ ކަމަށެވެ.



މި ގެނެވުނު ބަދަލާއެކު ކޮތަރުތަކުގެ އުޅުމަށް އައި ބަދަލުތައް
ދެނެގެންފައިވާ ކަމަށާއި، ކޮތަރުތައް ކޮންމެ ދުވަހަކުވެސް އެ ސަރަހައްދުތަކަށް
ގޮސް ކާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދި
ސަރުކާރުން އެޅި މި ފިޔަވަޅުގެ ސަބަބުން ކޮތަރުތައް އުޅޭ ސަރަހައްދަށް ގޮސް
ހިތްއުފާ ކޮށްލަން ބޭނުންވާ ވީހާވެސް ގިނަ ފަރާތްތަކަށް އެ ފުރުސަތު ފަހިވެފައިވާ
ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. އަބްދުﷲ ޝަރީފް ވިދާޅުވީ ސަރުކާރުގެ
ވިސްނުން ހުރީ ޖުމްހޫރީ މައިދާނަކީ ކޮތަރު ނޫޅޭ ސަރަހައްދެއްގެ ގޮތުގައި
ކަނޑައެޅުމަށް ކަމަށެވެ.



ޖުމްހޫރީ މައިދާނަކީ ކޮތަރު ނޫޅޭ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް
ސަރުކާރުން ނިންމާފައިވާއިރު، ރާއްޖޭގެ މިނިވަންކަމަށް ފަންސަވީސް އަހަރު ފުރުނު
ރިހިޔޫބިލާ ދިމާކޮށް ޖުމްހޫރީ މައިދާން ތަރައްގީ ކުރި ހިސާބުން ފެށިގެން މިއަދާ
ހަމައަށްވެސް ކޮތަރުތައް އާންމު ގޮތެއްގައި އުޅެމުންދާ ސަރަހައްދަކީ ޖުމްހޫރީ
މައިދާން ސަރަހައްދެވެ. އެހެންކަމުން ފަންސަވީސް އަހަރަށްފަހު ކޮތަރުތަކުގެ
ދިރިއުޅުމަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.