ޚަބަރު

ރަމަޟާން މަހުގެ ދުވާލު ކައިބޮއެ ހެދި 28 މައްސަލަ ވަނީ ރިޕޯޓްކޮށްފައި - ފުލުހުން


ދުވާލުގެ ވަގުތު ތަކުގައި ކައިބޮއެ ހެދި 28 މައްސަލައެއް ރަމަޟާން މަހުގެ ފުރަތަމަ 15 ގައި ރިޕޯޓްކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް އިޒްމިޔާ ޒާހިރު ވިދާޅުވީ ރޯދަމަހުގެ ފުރަތަމަ 15ގެ ތެރޭ ދުވާލުގެ ވަގުތު ތަކުގައި ކެއުމުގެ ޖުމްލަ 28 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ މާލޭ ސަރަހައްދުން ރިޕޯޓްކުރި 5 މައްސަލައަކާއި އަތޮޅު ތެރެއިން ރިޕޯޓްކުރި 4 މައްސަލަ ކަމަށެވެ.

އިޒްމިޔާ ވިދާޅުވީ މިކަމާ ގުޅިގެން ޖުމްލަ 16 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ރޯދަމަހުގެ ދުވާލުގެ ވަގުތުތަކުގައި ކައިބޮއެ ހަދައިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު ފުރަތަމަ ހަފްތާއަށްވުރެ ދެވަނަ ހަފްތާގައި ވަނީ އިތުރުވެފައެވެ. އެގޮތުން ރޯދަމަހުގެ ފުރަތަމަ ހަފްތާގެ ދުވާލު ގަޑީގައި ކައި ބޮއެ ހެދި 9 މައްސަލަ ހުށަހަޅާފައިވާއިރު ދެވަނަ ހަފްތާގައި 19 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މީގެ އިތުރުން މާލެއާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުށްކުރާ މިންވަރު މަދުކުރުމަށް ފުލުހުން ގެންދަނީ ތަފާތު އޮޕަރޭޝަންތައް ހިންގަމުންނެވެ. އެގޮތުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި ޤަވާއިދާ ޚިލާފަށް އަމަލުކުރާ ފަރާތްތަކާމެދު ފުލުހުން ދަނީ ޤާނޫނީ ފިޔަވަޅު އަޅަމުންނެވެ.