ޚަބަރު

ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ހިމާޔަތްކޮށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރަނީ


ދިވެހިރާއްޖޭގައިހުރި ގުދުރަތީގޮތުންނާއި ޠަބިޢީގޮތުން މުއްސަނދި ސަރަހައްދުތައް ހިމާޔަތްކޮށް ވަކިއުސޫލެއްގެ ދަށުން ބޭނުންހިފޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންއަންނަ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމުގެ ވަސީލަތްތަކާއި ތަރިކަ ދެމެހެއްޓެނެވި އަދި ތިމާވެއްޓާއި ރައްޓެހި އުސޫލަކުން ބޭނުންކުރުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށެވެ.

ދުނިނިޔޭގެ ތަފާތު ދިރޭތަކެތީގެ ދުވަހާ ގުޅިގެން މިނިސްޓަރ ދެއްވި ޙިތާބުގައި ވިދާޅުވީ ދިރޭތަކެތީގެ ނަސްލުތައް ނެތެމުން މިދާ ހަލުއި ކަމާާއި ދުނިޔެއަށް މިއަދު ކުރިމަތި ވެފައި މައްސަލަތަކުގެ ތެރޭގައި، ޖަޒީރާ ޤައުމެއްގައި ދިރިއުޅެމުންދާއިރު ވިސްނާލަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރިކަމަށެވެ.

މިއަހަރުގެ ދުނިޔޭގެ ތަފާތު ދިރޭތަކެތީގެ ދުވަހުގެ ޝިޢާރަކީ "އަހަރެމެންގެ ތަފާތުދިރުންތައް، އަހަރެމެންގެ ކާނާ، އަހަރެމެންގެ ސިއްހަތު" އެވެ. މި ޝިޢާރާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ އިންސާނާ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ރަނގަޅު ކާނާއަކީ ކޮންމެހެން ބޭނުން އެއްޗަކަށްވާއިރު، ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި ދުޅަހެޔޮ ގުދުރަތީ މާޙައުލެއްވެސް އިންސާނާ ބޭނުންވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހި ރާއްޖެއަކީ އިމްޕޯޓު ކުރާ ކާނާއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު ދުނިޔޭގައި ކާނާ އުފެއްދޭ މިންވަރާއި އެކާނާ ދިވެހިންނަށް ލިބޭނެ މިންވަރާމެދު ވިސްނާލަންޖެހޭކަމަށެވެ. އަދި ފަރުތައް ހުދުވުމާއި ފަރުތައް ނެތި ދިއުމުގެ ބިރު ހީވެފައިވާއިރު މިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ ބޮޑުބައެއް ހިއްސާކުރާ މަސްވެރިކަމަށް އޭގެ ނޭދެވޭ އަސަރު ކޮށްފާނެ ކަމެއްކަންވެސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިފަދަ ކަންތައްތަކުގެ ސަބަބުން ރާއްޖޭގެ އިގްތިޞާދަށް ބޭރު ފައިސާ ވަންނަ އެންމެ ބިޔަ ސިނާއަތް ކަމަށްވާ ފަތުރުވެރިކަމަށް ކުރާނެ ނޭދެވޭ އަސަރާމެދު ވިސްނާލުން މުހިންމުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ޚިޠާބުގައިވަނީ ދިރޭތަކެތީގެ ނަސްލު ހިމާޔަތްކޮށް ރާއްޖޭގެ ޤުދުރަތީ ނިޒާމް ރަނގަޅު ހާލަތެއްގައި ބޭއްވުމަށް ވަކި ފަރުދުން ދެމުންދާ އެއްބާރުލުން ފާހަގަކުރައްވާ ކުރިއަށްވުރެ ބޮޑަށް މިކަމުގައި މަސައްކަތްކޮތްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ރާއްޖޭގެ ތަފާތު ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރުމުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން، ލިބުމަކީ ވަރަށްބޮޑު އެދުމެއްކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ދުނިނިޔޭގެ ތަފާތު ދިރޭތަކެތީގެ ދުވަހާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީންވަނީ ޕެނަލް ޑިސްކަޝަނެއްވެސް ކުރިއަށްގެންގޮސްފައެވެ. މި ޑިސްކަޝަންްގައި މައިގަނޑު ގޮތެއްގައި ވާހަކަދެކެވިފައިވަނީ ދަނޑުވެރިކަމާއި، ކާބޯތަކެއްޗާއި، ދަނޑުވެރިކަން ކުރާ ވައްޓަފާޅިއާއި ކަޅުބިލަ މަހުގެ ދިރިއުޅުމާއި އޭގެ ޒާތަށެވެ.