ސިއްހަތު

އައްޑޫ ކައުންސިލުން އެޗްއާރްއެޗަށާއި ސިއްޙީ މަރުކަޒުތަކައް 16 އޭސީ ހަދިޔާކުރަނީ


އައްޑޫސިޓީ ކައުންސިލުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށާއި އަދި އެ ހޮސްޕިޓަލްގެ ދަށުން ހިންގަމުންދާ ސިއްޙީ މަރުކަޒުތަކުގައި ހަރުކުރުމަށް 16 އޭސީ ދިނުމަށް ނިންމައިފިއެވެ.

ސިޓީ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަޙްމަދް ވަހީދާއި އައްޑޫސިޓީ ކައުންސިލްގެ މޭޔަރ ޢަބްދުﷲ ޞާދިޤާއި އެކު ބޭއްވި ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ކަންކަން ހިންގަމުންދާ ގޮތާއިގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ އެޗްއާރްއެޗާއި އެތަނުގެ ދަށުން ހިންގަމުން ގެންދާ ޞިއްޙީ މަރުކަޒުތަކުގައި 30000 ބީ.ޓީ.ޔޫ ގެ 16 އޭސީ ހަދިޔާކުރުމަށް ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. މިއީ ކައުންސިލުގެ ހުރިހާ މެންބަރުންގެ އިއްތިފާޤުން ނިންމާފައިވާ ނިންމުމެއް ކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާލިބޭ ކަމަކީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ވޯޑްތަކުގައި އޭސީ ހަރުކޮށްފަ ނެތުމުން ހޫނު ގަދަވުމުގެ ސަބަބުން ބަލިމީހުންނަށް ދިމާވާ ދަތިތަކަކާ ގުޅޭގޮތުންކަމަށް އެ ހޮސްޕިޓަލުން ބޭއްވި ޕްރެސް ކޮންފެރެންސްގައި ޝާހް ސައީދްވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ޝާޙް ވިދާޅުވީ ހޮސްޕިޓަލުގެ ޕޯސްޓް އޮޕަރޭޓިވް ވޯޑްތައް ވަނީ އޭސީ ކުރެވިފައިކަމަށާއި، މިއަހަރުތެރޭގަ އެހެން ހުރިހާ ވޯޑްތަކެއް އޭސީ ކުރެވޭނެ ކަމަށެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު އެޗްއާރްޗަށް އެ އޭސީތައް ޙަވާލު ކުރަން ނިންމާފައިވާ ކަމަށެވެ.