ޚަބަރު

ވޯޓް އެގޮތަށް ދިނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލެން ބޭނުންނުވާތީ



އިނގިރޭސީންގެ ބާރުގެ ދަށުގައި ޗާގޯސް އައިލެންޑްސް، މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމާ ދެކޮޅަށް ރާއްޖެއިން ވޯޓު ދިނީ، ރާއްޖޭގެ ސަރަހައްދީ އިން ވަކި ކުރުމާ ގުޅޭ މައްސަލައިގައި ވަކި ގޮތަކަށް ނުނިމެނީސް އެ ނޫންގޮތަކަށް ވޯޓް ދީފިނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ހިގައިދާނެތީކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް(އައިސީޖޭ) އިން ފޯޅަވަހި މައްސަލައިގައި ނެރެފައިވާ ޤަރާރު ތަންފީޒުކުރުމާއި ބެހޭގޮތުން އދގެ އާއްމު މަޖިލީހުގައި ރޭ ނެގި ވޯޓުގައި ރާޢްޖެ ވޯޓް ދީފައިވަނީ މޮރިޝަޝަސް އާއި ދެކޮޅަށެވެ. އެ ނިންމުމާއި ދެކޮޅަށް ރާއްޖޭގެ ިއތުރުން ވޯޓްދީފައިވަނީ އިނގިރޭސިވިލާތާ، އޮސްޓެރޭލިއާ، ހަންގޭރީ، އިސްރާޢީލް އަދި އެމެރިކާއިނެވެ. 116 ޤައުމަކުން ވަނީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި ފޯޅަވަހި ބޭއްވުމަށް ވޯޓް ދީފައެވެ. އަދި ފަންސާސް ހަ ޤައުމަކުން ވަކިކޮޅަކަށް ވޯޓް ދީފައިނުވެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ ސަރަހައްދީ އިން ވަކިކުރުމަށް ގޮތެއް ނިންމުމަށް 2010 ވަނަ އަހަރު ބައިނަލް އަޤްވާމީ ކަނޑުތަކާއި ބެހޭ ޤާނޫގެ ދަށުން އދ ހުށައަޅާފައިވާކަމަށެވެ. އަދި ފޯޅަވައްސާ ސަރަހައްދީ ރޮނގު ހިއްސާކުރާއި ޤައުމުތަކުގެ ތެރެއިން ފުށު އަރާނީ ރާއްޖެއާއި އެކަނިކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ފޯޅަވަހި މޮރިޝަޝްގެ ބާރުގެ ދަށަށް ދިޔުމުން ރާއްޖެއަށް ކަނޑުގެ ސަރަހައްދުން ލިބޭ 200 މޭލުގެ ސަރަހައްދުގެ ތެރެއަށް މޮރިޝަޝް ވަދެ ރާއްޖޭގެ އިުތިސާދީ ސަރަހައްދުން ބައެއް ގެއްލިގެން ދާނެކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މޮރިޝަޝަސް އާއި ދެކޮޅަށް ވޯޓް ދިނީ އެމެރިކާއާއި އިޒްރޭލް ނުވަތަ އިނގިރޭސިވިލާތް ރުއްސަން ނޫންކަމަށާއި ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލުނަ ނުދިނުމަށެވެ. އަދި އެކަނިމާ އެކަނި އޮވެވެސް މި ކަމުގައި އެއްވެސް ދުލެއް ދިނުމެއްނެތި މަސައްކަތް ކުރާނެކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

އދ.ގެ ޢާންމު މަޖިލީހަށް ޤަރާރެއް ހުށައަޅާފައި މިވަނީ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް(އައިސީޖޭ) އިން ފޯޅަވަހި މައްސަލާގައި މޮރީޝަސްއާއި އެއްކޮޅަށް ލަފާނެރެފައިވަނިކޮށެވެ. އެ ކޯޓްގެ ލަފާގައި ބުނެފައިވަނީ މޮރީޝަސްގެ މައްޗަށް އޮތް އިސްތިއުމާރީ ވެރިކަން ނިމުމަކަށް ގެނެސްފައިވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށްކަމަށެވެ. މިހާތަނަށްވެސް އެތަނަށް މިނިވަންކަން ލިބިފައިނުވާތީ އިނގިރޭސީންގެ ބާރުގެ ދަށުން ފޯޅަވަހި ދޫކޮށްލުމަށް އައިސީޖޭ އިން ވަނީ ލަފާދީފައެވެ. އަދި އދ.އަށް މި މައްސަލަ ހުށައަޅާފައި މިވަނީ އެ ކޯޓްގެ ލަފާ ތަންފީޒްކުރުމަށް މެންބަރު ޤައުމުތަކަށް ގޮވާލުމުންނެވެ.

ފޯޅަވަހި ނުވަތަ ޗާގޯސްގެ މައްސަލައަކީ ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާއި ދެމެދުގައި އޮތް މައްސަލައެއްގެ ގޮތުގައި ރާއްޖެއިން ކުރިން ދެކެމުން އައި ނަމަވެސް 2010 ވަނަ އަހަރު ދިވެހިރާއްޖެއިން ކޮމިޝަން އޮންދި ލިމިޓްސް އޮފް ދި ކޮންޓިނެންޓަލް ޝެލްފަށް ދިވެހިރާއްޖޭ ކަނޑުގެ ސަރަހައްދު ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅުމުން މޮރީޝަސްއިން ވަނީ އެކަމަށް ދެކޮޅު ހަދާ އދއަށް އެ މައްސަލަ ހުށައަޅާފައެވެ.

ރާއްޖޭގެ ހުށައެޅުމުގައި ފޯޅަވަހީގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ފާހަގަކޮށްފައިނުވާތީ މޮރީޝަސްއިން ވަނީ އެކަމަށް އިއުތިރާޒްކޮށް ރާއްޖެއިން ހުށައަޅާފައިވާ ސަރަހައްދާއި އެޤައުމުގެ ކަނޑުގެ ސަރަޙައްދާއި ފުށޫއަރާކަމަށް ބުނެފައެވެ. އަދި އައްޑު އަތޮޅުއާއި ފޯޅަވައްސާއި ދެމެދުގައިވާ ކަނޑުގެ ސަރަހައްދާމެދު ވަކިގޮތަކަށް އެއްބަސްވުމަށްވެސް މޮރީޝަސްއިން ވަނީ ރާއްޖެއަަށް ގޮވާލާފައެވެ.

ފޯޅަވައްސަކީ ދިވެހިރާއްޖެއާއި 500 ކިލޯމީޓަރު ދެކުނުގައި އޮންނަ ހަތް އަތޮޅަކަށް ނިސްބަތްވާ 60 ރަށެވެ. މިހާރު އެ ރަށްތަކަކީ އިނގިރޭސި ސަރުކާރުގެ ބެލުމުގެ ދަށުގައިވާ "ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ" އެކެވެ. ޗާގޯސް އައިލެންޑްސްގެ 60 ރަށުގެ ޖުމްލަ ބޮޑުމިނުގައި 56 އަކަ ކިލޯމީޓަރު ހުރެއެވެ. އެންމެ ބޮޑު ރަށަކީ ޑިއޭގޯ ގާސިއާއެވެ. ފޯޅަވަހީގެ އަތޮޅު ތަކުގެ ތެރެއިން އައްޑު އަތޮޅާއި އެންމެ ކައިރީގައި އޮންނަނީ މޯސްބީ އައިލޭންޑް އަތޮޅާއި ސޮލޮމޮން އައިލޭންޑުގެ ރަށް ތަކެވެ. މިރަށްތަކާއި އައްޑު އަތޮޅާއި ދެމެދުގެ ދުރުމިނަކީ 280 ނޯޓިކަލް މޭލްއެވެ.