ދީން

މުސްލިމުންނަށް އިޙްތިރާމު ކުރުމުގެގޮތުން ޣައިރު މުސްލިމަކު "ރޯދައަށް"!


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނާދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތަކާއި، ޖެއްސުމާއި ފުރައްސާރައިގެ ވާހަކައަކީ އަބަދުހެން މީޑިއާތަކުގައި ދެކެވޭ ވާހަކައެކެވެ.

މިހުރިހާކަމެއްގެ ތެރެއިންވެސް މުސްލިމުންގެ ސަފުތަކުގެ ވަރުގަދަކަމާއި ބަދަހިކަމާއި، މުސްލިމުންގެ ހިތްތިރިކަމާއި، އެކުވެރިކަމުގެ ވާހަކަ ދައްކާ މީހުންނެއްވެސް މަދެއްނޫނެވެ. ހަމައެހެންމެ ޣައިރު މުސްލިމުންގެ މެދުގައިވެސް އިސްލާމްދީނަށާއި މުސްލިމުންނަށް އޮތް ލޯތްބާއި، އިޙްތިރާމް އެކިގޮތްގޮތުން އެމީހުން އަންނަނީ ހާމަކޮށްދެމުންނެވެ. މިފަހަރު މި ގެނެސްދެނީ އެފަދަ ޣައިރު މުސްލިމެއްގެ ވާހަކައެވެ.

އިނގިރޭސިވިލާތުގެ ޕްލެކްގޭޓް ހައި ސްކޫލުގައި ބިޒްނަސް ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރާ ކެތެރިން ކޯލްހާޑް، އޭނާގެ ހިތުގައި މުސްލިމުންނާމެދު އޮތް އިޙްތިރާމާއި ލޯބި ދައްކުވައިދިނީ މުޅި ރަމަޟާންމަހު ދުވާލުގެ ވަގުތުތަކުގައި ނުކައި ހުރުމުގެ ޢަޒުމާއެކުއެވެ. އޭނާގެ ބަހުންނަމަ އޭނާވެސް މިމުޅި ރޯދަމަހު "ހުރިހާ ރޯދައެއް" ހިފުމުގެ އަޒުމާއެކުއެވެ.

މި ނިންމުމަކީ ޕްލެކްގޭޓް ހައި ސްކޫލުގައި ކިޔަވަމުންދާ މުސްލިމް ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކެތެރިން ނިންމި ނިންމުމެކެވެ. އަދި މިކަމުގައި އޭނާގެ ދަރިވަރުންނާއި އެމީހުންގެ އާއިލާތަކުގެ ވަރަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭކަން ކެތެރިން ފާހަގަކޮށްފައިވެއެވެ.

ކެތެރިން ބުނިގޮތުގައި ކޮންމެ އަހަރަކުވެސް އޭނާ ކިޔަވައިދޭ ގިނަ ދަރިވަރުންތަކެއް އެކުދިންގެ އިމްތިޙާންތަކާ ކުރިމަތިލަނީ ރޯދައަށް ހުރެގެންކަމަށާ ބައެއް އިމްތިޙާނުތަކަށް 90 މިނެޓް ހޭދަކުރާއިރު، އަނެއްބައި އިމްތިޙާނުތައް 2 ގަޑިއިރާއި 30 މިނެޓަށްވެސް ދިގުލައިގެންދާކަމަށެވެ.

ރޯދައަށް ހުރުމަކީ މުޅިިން ތަފާތު އިޙްސާސްތަކެއް ގެނުވާކަމެއް ކަމަށާއި، ކާބޯތަކެއްޗަށް ޝުކުރުވެރިވުމުގެ މުހިއްމުކަން އިޙްސާސްކޮށްދޭކަމެއްކަން ކެތެރީން ފާހަގަކޮށްފައިވެއެވެ. އަދި މިކަމުގެ ތެރެއިން މުސްލިމް ދަރިވަރުންނާމެދު ޚާއްސަ ގަދަރެއް އޭނާގެ ހިތުގައި އުފެދިފައިވާކަމަށްވެސް ކެތެރިން ބުނެފައިވެއެވެ.

ޣައިރު މުސްލިމް ޓީޗަރެއްގެ ހިތުގައި މުސްލިމުންނާމެދު އުފެދިފައިވާ ލޯތްބާއި އިޙްތިރާމްގެ މި ވާހަކަ މުސްލިމުން ބާރުވެރިކުރުވާ، އިސްލާމްދީނާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ހަރަކާތްތެރިވާ "ދަ މުސްލިމް ވައިބް"އިން ސޯޝަލް މީޑިއާއަށް ދޫކޮށްލުމާއެކު، އެކި ފަރާތްތަކުން އަންނަނީ އޭނާއަށް ތާރީފުކުރަމުންނެވެ.

މުސްލިމުންގެ ފަރާތުން ފެންނަ މަޑުމައިތިރިކަމާއި ރިވެތި ސިފަތަކުގެ ސަބަބުން ކެތެރިންފަދަ އެތައް ޣައިރު މުސްލިމުންނެއްގެ ހިތްތަކުގައި އިސްލާމްދީނާމެދު ޚާއްސަ ޖާގައެއްވަނީ ދެވިފައެވެ. ވަކިން ޚާއްސަކޮށް ރަމަޟާންމަހު މުސްލިމުންނާއެކު އެއް މާޙައުލެއްގައި މަސައްކަތްކުރާ ޣައިރު މުސްލިމުންވެސް ދުވާލު ނުކައި ތިބުމަކީ ރާއްޖޭގައިވެސް ފެންނަ މަންޒަރެކެވެ.

މިފަދަ ޣައިރު މުސްލިމުންނަށް މާތްﷲ ތެދުމަގު ދައްކަވައި އިސްލާމްދީނުގެ މަތިވެރި ހިދާޔަތު ދެއްވާށިއެވެ.