ކުޅިވަރު

ކްރިކެޓްގެ ދާއިރާއިން ރާއްޖެއަށް އެހީވާން މިއޮތީ ތައްޔާރަށް - އިންޑިޔާ


ބައިންލްއަޤުވާމީ ކްރިކެޓްގައި ކާމިޔާބު ޤައުމަކަށް ރާއްޖެ ހެދުމަށް އިންޑިއާއިން އެހީތެރިވެދޭން ތައްޔާރަށް ތިބިކަމަށް އެ ޤައުމުން ބުނެފިއެވެ.

ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި)ގެ ޖެނެރަލް މެނޭޖަރ ސަބާ ކަރީމް ވިދާޅުވީ ކާމިޔާބު ކުޅުންތެރިންނަށްވުމަށް ބޭނުންވާ ހުނަރާއި ގާބިލުކަން ރާއްޖޭގެ ކުޅުންތެރިންގެ ކިބައިގައި އެބަހުރިކަމަށެވެ. އަދި އެ ހުނަރު އިތުރަށް ތަރައްގީކޮށް ރާއްޖެއިން ކްރިކެޓްގައި ދާން ބޭނުންވާ މަންޒިލަށް ގެންދިޔުމަށް އިންޑިޔާއިން ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.އެގޮތުން ޔޫތް މިނިސްޓްރީއާ ގުޅިގެން އިންޑިޔާގެ ގައުމީ ޓީމްގެ ފިލްޑިންގ ކޯޗް އަބޭ ޝަރްމާއާއެކު، ރާއްޖޭގެ ކްރިކެޓް އިތުރަށް ތަރައްގީ ކުރުމަށް މަގުޗާޓެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ސަބާ ކަރީމް ވިދާޅުވީ ރާއްޖޭގައި ކްރިކެޓް ޔޫތް ޑެވެލޮޕްމަންޓް ޕްރޮގްރާމެއް އޮތުމަކީ ހިތްހަމަޖެހުމެއް ކަމަށާއި، މަގުޗާޓު އެކުލަވާލާނީ ޔޫތް ޑެވެލޮޕްމަންޓް ޕްރޮގްރާމްގެ ބިންގާގެ މައްޗަށް ބިނާކޮށްކަމަށެވެ.
އަދި ރާއްޖޭގެ ކްރިކެޓް ޓީމްތަކަށް އެކި ލެވެލްގެ ޓީމްތަކާއެކު މެޗްތައް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން އިންޑިޔާގެ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދޭންވެސް މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވީހާވެސް ކުރިއަށް ދިޔުމަށް އަމާޒުހިފުމަށާއި ރާއްޖޭގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް އިންޑިޔާއިން ތިބީ ތައްޔާރަށް ކަމަށްވެސް ކަރީމް ވިދާޅުވިއެވެ،

އިންޑިޔާގެ ބީސީސީއައިއިން ރާއްޖެއަށް މި ކުރާ ދަތުރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިންޑިޔަން ޕްރިމިއަރ ލީގްގެ ފައިނަލް މެޗު ބައްލަވާލައްވަން އިންޑިއާއަށް ވަޑައިގެން ދެއްވި ދައުވަތު ގަބޫލުކޮށް ކުރާ ދަތުރެކެވެ.

ދަތުރުގައި ބީސީއައިއިން ވަނީ ރާއްޖޭގެ ކްރިކެޓްގެ އިސްވެރިންނާ ބައްދަލުކޮށް ރާއްޖޭގެ ކްރިކެޓް ކުރިއެރުވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރުމުގެ އިތުރުން ކުޅުންތެރިންގެ ފެންވަރުވެސް ބަލާފައެވެ.
އެގޮތުން ރާއްޖޭގެ ޓީމަށް ނަގައިދިން ކޯޗިން ސެޝަންއާ ގުޅޭގޮތުން އިންޑިޔާ ޓީމްގެ ފީލްޑިންގް ކޯޗް އަބޭ ޝަރުމާ ބުނީ، ރަނގަޅު ތަމްރީނު ދެވިއްޖެނަމަ ކާމިޔާބީތައް ހޯދޭނެ ހުނަރު ކުޅުންތެރިންގެ އެބަހުރިކަމަށާއި އިންޑިޔާއިން ތިބީ މިފަދަ ތަމްރީނުތައް ފޯރުކޮށްދޭން ތައްޔާރަށް ކަމަށެވެ.

ރާއްޖޭގެ ކްރިކެޓް ތަރައްގީކޮށް ފުރުސަތުތައް ގިނަ ކުރުމަށް ޔޫތް މިނިސްޓްރީއާ ގުޅިގެން އިންޑިޔާއިން ދަނީ ރާއްޖޭގައި ބައިނަލްއަޤުވާމީ ކްރިކެޓް ސްޓޭޑިއަމެއް ޤާއިމް ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.