ކުޅިވަރު

އަންނަ ސީޒަންގެ ނިޔަލަށް ޗެލްސީގައި މަޑުކުރަން ޖިރޫ ނިންމައިފި


ޗެލްސީގެ ފޯވާޑް އޮލިވިއޭ ޖިރޫ އަންނަ ސީޒަންގެ ނިޔަލަށް އެކުލަބުގައި މަޑުކުރަން ނިންމައިފިއެވެ.

ޖިރޫ ޗެލްސީއާއިއެކު ހަދާފައިވާ ކޮންޓްރެކްޓް އާ މިކުރީ އޭނާ ހޯދުމަށް ފްރާންސްގެ ކުލަބުތަކުން މަސައްކަތްކުރަމުންދަނިކޮށެވެ. 32 އަހަރުގެ ފޯވާޑް ޗެލްސީއަށް ބަދަލުވީ މިދިޔަ ސީޒަންގައެވެ. އޭނަވަނީ މިދިޔަ ސީޒަންގައި ޗެލްސީން އެފްއޭ ކަޕް ހޯދިއިރު މުހިންމު ދައުރެއް އަދާކޮށްފައެވެ.

މި ސީޒަންގެ ޔޫރޮޕާ ލީގުގެ ފައިނަލަށް ޗެލްސީ ދަތުރުކުރުމުގައިވެސް އޭނާވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. ޔޫރޮޕާ ލީގުގައި ޖިރޫ 10 ގޯލް ޖެހިއިރު، ޕްރިމިއަރ ލީގުގެ ތިންވަނަ ހޯދުމުގައިވެސް އޭނާގެ ހިއްސާ ބޮޑެވެ.

އާ ކޮންޓްރެކްޓްގައި ސޮއިކުރުމަށްފަހު ޖިރޫ ބުނީ އާ ކޮންޓްރެކްޓްގައި ސޮއިކުރެވުމުން ވަރަށް އުފާވެއްޖެކަމަށާއި، އިތުރު އަހަރަކު ޗެލްސީގައި މަޑުކުރަން ބޭނުންވިކަމަށެވެ. މިވަގުތު ކުލަބުގައި މަޑުކުރަން މުހިންމުކަމަށާއި، ސަބަބަކީ އަންނަ ސީޒަނަކީ ހުރިހާ ގޮތަކުންވެސް ޗެލްސީއަށް ގޮންޖެހުން ބޮޑު ސީޒަނަކަށްވުންކަމަށް އޭނާ ބުންޏެވެ. ޖިރޫ ޗެލްސީއަށް ބަދަލުވީ 2018ވަނަ އަހަރުގެ ޖެނުއަރީ މަހު އިނގިރޭސި ކުލަބު އާސެނަލް ދޫކޮށްލުމަށްފަހުއެވެ.