ޚަބަރު

ހަތަރު ރަށެއްގެ މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި


ހަތަރު ރަށެއްގެ ބޮޑެތި މަގުތަކުގައި ތާރުއެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޞިލް ހަސަން ޝާހު އެވެ.

މިއަދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހަދާ ތާރައަޅަން ނިންމާފައިވަނީ ހދ.ހަނިމާދޫ އާއި ރ.ދުވާފަރާއި ރ. އުނގޫފާރާއި ލ.ފޮނަދޫގެ މަގުތަކެވެެ.

މަގުތައް ހެދުމަށް ހަވާލުކޮށްފައިވާ އަގުތަކާއި ނިންމަން ޖެހޭ މުއްދަތު

  • ހދ.ހަނިމާދޫ މަގުތައް 46 މިލިއަން ރުފިޔާ / 240 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ
  • ރ.ދުވާފަރުގެ މަގުތައް ހެދުމުގެ 28.2 މިލިއަން ރުފިޔާ / 240 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ
  • ރ. އުނގޫފާރު މަގުތައް ހެދުމަށް 19.3 މިލިއަން ރުފިޔާ / 240 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ
  • ލ. ފޮނަދޫގެ މަގުތައް ހެދުމަށް 25.5 މިލިއަން ރުފިޔާ / 240 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫގު ވިދާޅުވީ އެމްޓީސީސީ މަސައްކަތް ހަވާލުކުރީ މިނިސްޓްރީން ގަބޫލުކުރާ ފެންވަރަށް މަސައްކަތްކުރާ ކުންފުންޏަކަށް ވުމުންނެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޝާނާ ވިދާޅުވިއެވެ.

މިިދިޔަ މަހުވެސް ޕްލޭނިން މިނިސްޓްރީން ފުވައްމުލަކު ރިންގްރޯޑު ހެދުމުގެ މަސައްކަތާއި އއ. ހިމަންދޫގައި ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ.