ޚަބަރު

އައު މަޖިލިސް ފެށުމާއެކު އިޚްލާސްތެރި ނޫން ވެރިން މުއައްސަސާތަކުން ވަކިކުރުމަށް މަސައްކަތްކުރާނަން - ޔައުޤޫބު


ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފެށުމާއެކު ދައުލަތުގެ އިދާރާތަކުގެ އިސްމަޤާމުތަކުގައި ތިއްބެވި އިޚްލާސްތެރި ނޫން މީހުން ވަކިކޮށް، އިޚްލާސްތެރި ބޭފުޅުން އެމަޤާމުތަކަށް ޢައްޔަންކުރަން ބާރުއަޅުއްވާނެކަމަށް ދާންދޫ ދާއިރާގެ އިންތިޚާބީ މެންބަރު ޔައުޤޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިދިޔަ އޭޕްރީމް މަހުގެ 6ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރިން ޕީ.އެސްއެމުން ބޭއްވި ދާއރާތަކުގެ ބަހުސްގައި ދެއްކެވި ވާހަކަފުޅުތަކުގެ ސަބަބުން އިންތިޚާބު ވެވަޑައިގެންނެވުމުގެ ކުރީންވެސް ގިނަބައެއްގެ ތާރީފު ލިބިގެންދިޔަ ޔައުޤޫބް އަބްދުﷲ، ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ދާއުލަތުގެ އެކިއެކި ކަންކަން ހިންގުމައްޓަކައި ރާއްޖޭގައި ފުރިހަމަ ޤާނޫނުތަކާއި ހަރުދަނާ ނިޒާމުތަކެއް ހުރިނަމަވެސް އެންމެ ބޮޑު މައްސަލައަކީ ޤާނޫނުތައް ތަންފީޒުކުރަން ތިބި ފަރާތްތައް އިޚްލާސްތެރި ނުވުންކަމަށެވެ.

ޔައުޤޫބް ވިދާޅުވީ ޝަރުއީ ދާއިރާގައި ތިބި އިތުބާރު ނުހިފޭ މީހުން ބަދަލުކޮށް އެމަޤާމުތަކަށް ހަރުދަނާ ޤާބިލު ރައްޔިތުންނަށް އިތުބާރުހިފޭ ފަދަ އިޚްލާސްތެރި މީހުން އައްޔަންކުރަން ބަލާއިރު އެފަދަ އިލްމީ ޤާބިލު ފަރާތްތައް ރާއްޖޭގައި ތިބި މިންވަރުވެސް ދެނެގަންނަންޖެހޭކަމަށެވެ. މިހާރަކަށް އައިސް ކުރިން ޝަރުޢީ ދާއިރާގައި އިސްމަޤާމުތަކެއް ފުރުއްވާފައިވާ ބައެއް ބޭފުޅުން ތަފާތު ވާހަކަތައް ދައްކަވަމުން ގެންދަވާކަމަށާއި، އެފަރާތްތަކާއި އިސްމަޤާމުތައް ހަވާލުކުރައްވާފައި ތިބިއިރު ކަންކަން ހަމަމަޤަށް ނޭޅުވި ޒިންމާދާރު ނުކުރެވުނީ ކީއްވެތޯ ޔަޢުޤޫބުވަނީ ސުވާލުއުފައްދަވާފައެވެ.

އޭނާ ވިދާޅުވީ އެފަދަ އެއްވެސް ބޭފުޅަކަށް މަޖިލީހުގެ ތެރެއިން ތާޢީދުނުކުރައްވާނެކަމަށާއި، ރައްޔިތުން އެމް.ޑީ.ޕީއަށް 65 ގޮނޑި މަޖިލީހުންދިނީ ކުރިން ކުރެވިފައިހުރި ނުރަނގަޅުކަންކަން ބަދަލުކޮށް ކޮރަޕްޝަނަށް މަގުފަހުވާގޮތަށް ހިންގާފައިވާ އަމަލުތައް ހުއްޓުވާނެކަމަށެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް ވިސްނާފަހުރިކަމެއްމީ، މިސާލަކަށް އަޅުގަނޑުމެންނަށް ވަރަށް މަޝްހޫރުވެގެންދިޔަ ވާހަކައެއް ނަޒާހަތްތެރިކަމުގެ ފްލެޓްގެ ވާހަކަ. އެފްލެޓްތައް ދީފަހުރި ފަނޑިޔާރުންނާއި، އެކިއެކި މިނިވަން މުއައްސަސާތަކުގެވެރިންނާ، މިތަންތަން އަނބުރާ ނެގެންޖެހޭނެ. ސަރުކާރަށް މިފްލެޓްތައް ނެގެންޖެހޭނެ. އަޅުގަނޑު މިދަންނަވަނީ އާންމުރައްޔިތުންނަށް ދިން ފްލެޓްތަކުގެ ވާހަކައެއް ނުން. މިއީ އެމަޤާމުތަކަށް ދިން ފްލެޓެއް، މިއީ ކުށެއް ނެގެންޖެހޭނެ" ޔައުޤޫބު ވިދާޅުވިއެވެ

ޔައުޤޫބް ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ފަދަ ދައުލަތުގެ މުހިއްމު އިދާރާތައް ފެންނަނީ ވަކި ސަރުކާރެއްގެ ގޮތުގައި ހިންގާތަން ކަމަށާއި، ވައްކަމުގެ މައްސަލައެއް ރިޕޯޓްކޮށްގެން އެމް.އެމް.އޭގެ ފައިނެންޝަލް އިންޓެލިޖެންސްގެ ވެރިޔާ ވަޒީފާއިން ވަކިކުރުމާއި، ޓެކްސްދައްކާ ފަރާތްތަކުގެ ހައްޤުތައް ގެއްލޭގޮތަށް މަގުފަހިވާ ބޭފުޅުން މީރާ ފަދަ ދައުލަތުގެ މާލީ އިދާރާތަކުގެ ވެރީންގެ ގޮތުގައި ތިބުމަކީ ގަބޫލުކުރެވޭނެ އުސޫލުތަކެއް ނޫންކަމަށެވެ.

ޔައުގޫބު ވިދާޅުވީ ރައީސް ޞާލިޙްގެ ސަރުކާރުގައި ކަންކަން ތަންފީޒުކުރުން ލަސްވާކަމަށްބުނެ ފާހަކަތައް ދައްކަން ފުރުސަތުލިބެނީ މަޖިލިސް ތެރެއިން ސަރުކާރަށް އެއްބާރުލުން ލިބެމުންނުދިއުމުގެ ސަބަބުންކަމަށެވެ. އެގޮތުން ކޮމިޝަންތައްކަށް ބާރު ނުދިނުމުގެ ސަބަބުން ސަރުކާރުން ތަންފީޒުކުރަން ބޭނުންވިއެތައް ކަމެއް ނުކުރެވި ލަސްވެގެންދިޔަކަމަށެވެ. ލަސްވެގެން އުޅެނީ ސަރުކާރު ނޫންކަމަށާއި، ލަސްވެގެން އުޅެނީ މަޖިލިސްކަން ފާހަގަކުރައްވަމުން ޔައުޤޫބު ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބާއި ދެމެދު ފާއިތުވެގެންދާ މުއްދަތު އަވަސްކުރުން، ނުވަތަ އެއްދުވަސްވަރެއްގައި ދެއިންތިޚާބު ބާއްވަންވުމާމެދު ގޮތެއް ނިންމަންޖެހޭކަމަށެވެ.