ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 1.6 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ޢާއްމުކޮށްފައިވާ ތަފާސްހިސާބު ދައްކާގޮތުން ރަމަޟާންމަހުގެ އެކަކުން ފެށިގެން 16 ގެ ނިޔަލަށް ފިޠުރުޒަކާތުގެ ގޮތުގައި އެއްމިލިއަން ހަ ސަތޭކަ ފަންސާސް ފަސްހާސް ދުއިސައްތަ ހަތްދިހަ ފަސް ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 16 ދުވަހާ އަޅާބަލާއިރު %10 އިތުރު ޢަދަދެކެވެ. އެގޮތުން މިދިޔަ އަހަރު ރަމަޟާންމަހުގެ އެކަކުން ފެށިގެން 16ވަނަ ދުވަހާ ހަމައަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ އެއް މިލިއަން ހަތަރު ސަތޭކަ ނުވަދިހަ ނުވަ ހާސް ތިން ސަތޭކަ ތިރީސް ހަތް ރުފިޔާއެވެ.
މިމަހުގެ 7އިން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:15އިން ފެށިގެން މެންދުރު 1 ޖެހުމާހަމައަށް ޒަކާތް ބަލައިގަތުމުގެ ކަންކަން އިސްލާމީ މަރުކަޒުގައި ދަނީ ކުރިއަށްގެންދަމުންނެވެ. އަދި ވިލިމާލޭގައި ހުންނަ ސިޓީ ކައުންސިލްގެ ޔުނިޓުންނާއި، ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރުންވެސް ޒަކާތް ބަލައިގަންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
މާލޭ ވިލިމާލޭ އަދި ހުޅުމާލޭގައި ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރަކީ:
- އާދައިގެ ހަނޑުލުންނަމަ 15 ރުފިޔާ
- ތައިލެންޑް ހުދު ހަނޑުލުންނަމަ 45 ރުފިޔާ
- ބާސްމަތީ ހަނޑުލުންނަމަ 95 ރުފިޔާ
- ރަތް ހަނޑުލުންނަމަ 75 ރުފިޔާ
- އާދައިގެ ފުށުންނަމަ 15 ރުފިޔާ
- އާޓާ ފުށުންނަމަ 60 ރުފިޔާ
ރަށްރަށުގައި ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ ޢާއްމުކޮށް ކާން ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން 2.4 ކިލޯއަށް ވާ އަގުކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ރަމަޟާންމަހުގެ 29 ގެ ނިޔަލަށް ފިތުރު ޒަކާތް ބަލައިގަތުމުގެ ކަންކަން ކުރިއަށްގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.