ޚަބަރު

ކުޅުދުއްފުށީގައިގެ ލޯކަލް މާރުކޭޓް ގޮޅިތައް އާދީއްތަ ދުވަހު ޙަވާލުކުރަނީ


ހދ.ކުޅުދުއްފުށީ ލޯކަލް މާރުކޭޓްގެ ގޮޅިތައް ގުރުއަތުން ލިބުނު ފަރާތްތަކަށް އަންނަ އާދިއްތަ ދުވަހު ގޮޅިތައް ޙަވާލު ކުރެވޭނެކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބްދުއްލަތީފް ހަސަން ވިދާޅުވީ މިހާރު ކުރިއަށް ދަނީ ގޮޅިތަކުގެ އެގްރީމެންޓްތައް ތައްޔާރުކުރުމާއި އެތަނަށް މުވައްޒަފުން ނެގުމުގެ މަސައްކަތް ކަމަށެވެ.

މާރުކޭޓުގެ ގޮޅިތައް ލިބުނު ފަރާތްތަކާ ގޮޅިތައް ޙަވާލުކުރުމާއެކު މިހާރު ދިވެހި އުފެއްދުންތައް ވިއްކަމުންދާ "ވަނި" ޢިމާރާތުގެ ދެކުނުން އޮންނަ ސަރަހައްދުގައި ތަކެތި ވިއްކަމުންދާ ފަރާތްތަކަށް އެތަނުގައި އެމަސައްކަތް ކުރިއަށް ގެންދެވިދާނެތޯ ނުވަތަ ނޫންތޯ ކައުންސިލުގައި މިހާރު މަޝްވަރާ ކުރެވުންދާކަމަށާ މާދަމާ އެކަމަށް ގޮތެއް ކަނޑައަޅާނެކަމަށެެވެ. ދިވެހި އުފެއްދުންތައް ވިއްކުމަށް ޚާއްސަކޮށްގެން ކުޅުދުއްފުށީގައި ޤާއިމް ކޮށްފައިފައިވާ ލޯކަލް މާރުކޭޓު ހުޅުވާފައިވަނީ މިދިޔަ މާޗް މަހުގެ 19ވަނަ ދުވަހުއެވެ.

ކުޅުދުއްފުށީ ލޯކަލް މާރުކޭޓް ޢިމާރާތް ކޮށްފައިވަނީ ކުޅުދުއްފުށީ ބަންޑާރަ މަގުގައެވެ. ހަތަރު މިލިއަނެއްހައި ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ މިޢިމާރާތުގެ ދިގުމިނުގައި 104 ފޫޓް އަދި ފުޅާމިނުގައި 62 ފޫޓު ހުރެއެވެ. މިމާރުކޭޓުގައި އޮފީހަކާއި ސެކިއުރިޓީ ރޫމެއްގެ އިތުރުން ދަނޑުވެރިން ތަކެތި ވިއްކުމަށް 32 ގޮޅި ހުރެއެވެ.