ތިމާވެށި

މޫސުމާ ބެހޭ ފޯރަމްގެ އަލީގައި ލ. އަތޮޅުގެ މަޝްރޫޢުތައް ރާވަނީ


ހައްދުންމަތީގައި ބޭއްވުނު
މޫސުމަށް އަންނަ ބަދަލުތަކާބެހޭ ފޯރަމަކީ ލ. އަތޮޅުގެ ތަރައްޤީގެ ޕްލޭންތައް
ހަދާއިރު މޫސުމަށްއަންނަ ބަދަލުތަކަށް ރިއާޔަތްކުރެވިފައިވާ ޕްލޭންތަކަށް ހެދުމަށް
އުފެއްދުންތެރި ޚިޔާތަކެއް ލިބިގެންދިޔަ ފޯރަމެއްކަމަށް ފޯރަމްގެ ބައިވެރިންނާއި
އިންތިޒާމްކުރި ފަރާތުން ފާހަގަކޮށްފިއެވެ.



ހައްދުންމަތީގައި ބޭއްވުނު
މޫސުމަށް އަންނަ ބަދަލުތަކާބެހޭ ފޯރަމްއަކީ ރާއްޖޭގައި ހަރަކާތްތެރިވާ އދގެ ހުރިހާ
އެޖެންސީތައް ގުޅިގެން  ޑެންމާރކް
ސަރުކާރުގެ އެހީގައި މިދިޔައަހަރު ހައްދުންމަތީގައި ފަށާފައިވާ ލޯއެމިޝަން
ކްލައިމެޓް ރެސިލިއަންޓް ޑިވެލޮޕްމެންޓް (ލެކްރެޑް) ޕްރޮގްރާމްގެ ދަށުން ބޭއްވުނު
ފޯރަމެކެވެ. "ލެކްރެޑް" ޕްރޮގްރާމުގެ ދަށުން ހައްދުންމައްޗަކީ މޫސުމަށްއަންނަ
ބަދަލުތަކުން ލިބިދާނެ ގެއްލުންތަކަށް ތައްޔާރުވެފައިވާ، އަދި ތިމާވެއްޓަށް ކުރާ ނޭދެވާ އަސަރު ކުޑަވާނެގޮތަށް
ދިރިއުޅުމުގެ ކަންކަން ބައްޓަންކޮށްފައިވާ ބަޔަކު ދިރިއުޅޭ އަތޮޅަކަށް
ހެދުމަށްޓަކާ މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި އެކިދާއިރާތަކުން އެހީތެރިކަން
ފޯރުކޮށްދެވޭނެއެވެ. މިމަހު ވިހިން އެކާވީހަށް ބޭއްވި މޫސުމަށް
އަންނަބަދަލުތަކާބެހޭ ލ. އަތޮޅުގެ ފޯރަމް ނިންމުމުގެ ރަސްމިއްޔާތަށްފަހު
އެމްބީސީއަށް މަޢުލޫމާތުދެއްވަމުން "ލެކްރެޑް"ގެ ޕްރޮގްރާމް މެނޭޖަރ ޑ.ރ.
ކެޓްރީނާ ކަމަރިންހާސް ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން މިހާރުން މިހާރަށްވެސް
ބައެއް ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށާ ނަމަވެސް ޕްރޮގްރާމްގެ
މައިގަނޑު އަމާޒަކީ ތަރައްޤީގެ ޕްލޭންތައް ހެދޭއިރު އެ ޕްލޭންތަކަކީ މޫސުމަށް
އަންނަ ބަދަލުތަކަށް ރިއާޔަތްކުރެވިގެން ބައްޓަންކުރެވިފައިވާ ޕްލޭންތަކަށް
ހެދުމަށްކަމަށެވެ.



މި ފޯރަމްގައި "ލެކްރެޑް"ގައި
ހިމެނޭ އެކިދާއިރާތަކުން ޕްރެޒެންޓޭޝަން ދިނުމުގެ އިތުރުން ރަށްރަށުގެ މަންދޫބުންނާ،
ކަމާބެހޭ ތަޖްރިބާކާރުން ހިމެނޭގޮތަށް "މަލްޓިސެކްޓަރ ޑައިލޮގް" ވެސް
ބާއްވާފައިވެއެވެ.



މި މިބައްދަލުވުންތަކުގައި
ވާހަކަދެކެވުނު މައިގަނޑު 4 މައުޟޫއަކީ؛ "މޫސުމީ ބަދަލުތަކުން ވިލުން"، "ފެން
އަދި ކުނިބެލެހެއްޓުން"، "މޫސުމަށް އަންނަ ބަދަލުތަކާ އާންމު ޞިއްހަތު"،
"ހަކަތައިގެ ރައްކާތެރިކަމާ ލ. އަތޮޅު"، "މޫސުމަށް އަންނަ ބަދަލުތަކާ
ކާނާގެ ރައްކާތެރިކަން" މިއެވެ.  މި
ބައްދަލުވުންތަކުގެ އިތުރުން މި ފޯރަމްގައި ޕެނަލް ޑިބޭޓެއްވެސް ކުރިޔަށްގެންގޮސްފައިވެއެވެ.




ލ. އަތޮޅުގެ
އެކިރަށްރަށުންގެ ފަސްދޮޅަހެއްހާ މަންދޫބުންނާ އަދި ސަރުކާރުގެ ކަމާބެހޭ
އިދާރާތަކުގެ ފަންނީ ފަރާތްތައް ހިމެނޭ ގޮތަށް ކުރިއަށް ގެންދިޔަ މި ފޯރަމްގެ
ސަބަބުން މޫސުމަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށްގެން އަތޮޅުގެ ތަރައްޤީގެ ކަންކަން
ބައްޓަންކުރުމުގައި ގިނަ ޚިޔާލުތަކެއް ލިބިގެންދިޔަކަމަށް މި ފޯރަމްގެ ބައިވެރިން
ފާހަގަކުރެއެވެ.