ކުޅިވަރު

ނިއު ސަސްޕެންޝަންގައި އޮއްވާ ޗެއާމަންކަމުން ޒިޔާދު އިސްތިއުފާދީފި


ނިއުރޭޑިއަންޓް ޗެއާމަންކަމުން ކާނަލް މުހައްމަދު ޒިޔާދު މިރޭ އިސްތިއުފާދީފި އެވެ.
އޭނާ އިސްތިއުފާ މިދިނީ މުސާރަ ނުދެވިގެން ކުޅުންތެރިން މައްސަލަ ޖެއްސުމުން ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުން ނިއު ސަސްޕެންޑްކޮށްފައި އޮންނަތާ ފަސް މަސް ފަހުންނެވެ.
ނިއު އަށް މި ސީޒަނުގައި ކުޅެވެން އޮތީ މުސާރައިގެ މައްސަލަ އެއްކޮށް ހައްލުކޮށް، އޭއެފްސީ ކުލަބު ލައިސަންސް ހޯދައިގެންނެވެ.
މިވަގުތު ރާއްޖޭގައި ނޫޅުއްވާ ޒިޔާދު ނިއުގެ ޗެއާމަންކަން ހަވާލުވީ މީގެ ދެ އަހަރު ކުރިންނެވެ. އޭނާގެ ޗެއާމަންކަމުގައި މިދިޔަ ދެ އަހަރު ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބަކީ ނިއު އެވެ.
ނަމަވެސް ސަސްޕެންޑް ކުރުމުން އޭނާ މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ. އިސްތިއުފާ ދިނުމަށްފަހު އޭނާ ބުނެފައިވަނީ ނިއުގެ ސަޕޯޓަރުންނާއި ކުލަބަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އިސްތިއުފާދިނީ ނިއު ވެއްޓިފައިވާ ވަޅުގަނޑުން ސަލާމަތްކުރުމަށް ކުލަބަށް ލޯބިކުރާ އެންމެނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. ނިއުރޭޑިއަންޓް އަލުން ނެގުމަށް ކުލަބުގެ ސަޕޯޓަރުންނާއި މެނޭޖްމަންޓުން ވަނީ ކުލަބުގެ ބާނީ ކުއީން އަހުމަދު ވަހީދާ ވެސް ބައްދަލުކޮށްފަ އެވެ. ނިއުގެ މަސައްކަތުގައި އެންމެ އިސްކޮށް މިވަގުތު އުޅެނީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.