ޚަބަރު

ފުލުހުންގެ ޓްރެއިނިންގ ސްކޫލަށް، އިންޑިއާ ސަރުކާރުން ހިލޭ އެހީ ދީފި


އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދ.ވާނީގައި ހުންނަ ފުލުހުން ތަމްރީނު ކުރުމަށް ޚާއްސަކޮށްފައިވާ ޓްރެއިނިންގ ސްކޫލަށް އިންޑިއާ ސަރުކާރުން ހިލޭ އެހީ ދެެއްވައިފިއެވެ.

މި އެހީއަކީ ރާއްޖޭގެ އިޖްތިމާއީ އަދި އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ 100 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ދ.ވާނީގައި ފުލުހުން ތަމްރީނުކުރުމަށް ޚާއްސަކޮށްފައިވާ ޓްރެއިނިންގ ސްކޫލުގައި ތަފާތު ޕްރޮޖެކްޓްތަކެއް ހިންގުމަށް ދިން ހިލޭ އެހީއެއްކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި އެހީގެ ދަށުން އިންޑިއާ ސަރުކާރުން ދީފައިވަނީ 7 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީއެކެވެ. ފުލުހުންނަށް ބޭނުންވާ ޒަމާނީ ތަމްރީނާއި ފުލުހުންގެ މަސްއޫލިއްޔަތު އެންމެ ރަނގަޅަށް އަދާކުރުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން އިތުރުކުރުމުގެ މަގުސަދުގައި ދިން މިއެހީއަކީ ނިމިދިޔަ މާޗުމަހުގައި ވެވުނު އެއްބަސްވުމެކެވެ.

100 މިލިއަން ރުފިޔާގެ ހިލޭއެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މިއަހަރުގެ މާރިޗް މަހު 17އިން 18އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ހަރ އެކްސަލަންސީ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.