ޚަބަރު

ކަންކަން ނިންމުމުގައި ޒުވާނުންގެ މަޝްވަރާ މުހިންމު- މިނިސްޓަރ މަހުލޫފް


ކަންކަން ނިންމާ ކަނޑައެޅުމުގައި ޒުވާނުންގެ މަޝްވަރާ މުހިންމު ކަމަށް މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރަމަންޓް އަޙަމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓްރީން އިސްނަގައިގެން ސިލްސިލާކޮށް ކުރިއަށްގެންދާ ޒުވާނުންގެ ހޮޅުއަށީގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު މީޑިއާއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ މަހުލޫފު ވިދާޅުވީ ޒުވާނުންނަށް ފުރުޞަތުތައް ތަނަވަސްކޮށްދީ ޒުވާނުންނަށް ބޭނުންވާ ޙިދުމަތްތައް ފޯރުކޮށްދިނުމަކީ އެ މިނިސްޓްރީގެ އަމާޒެއްކަމަށެވެ.

ފުރާވަރު ކުދިންނާއި ޒުވާނުންނަށް ޙާއްސަކޮށްގެން މިރޭ ޔޫތް ސެންޓަރުގައި ކުރިއަށްގެންދިޔަ ސައްލާގައި ޒުވާނުންނަށް މުހިންމު ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިފަދަ ފޯރަމްތަކާއި ބައްދަލުވުންތަކުގައި ވީހާވެސް ގިނަ ޒުވާނުން ބައިވެރިވެ ޚިޔާލާއި މަޝްވަރާ ދިނުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

މި ސިލްސިލާ ޕްރޮގްރާމުގައި މިރޭ ކުރިއަށްގެންގޮސްފައިވަނީ "ފުރާވަރު ކުދިންނާއި ޒުވާނުންގެ ސިއްޙަތު" މި މައުޟޫއަށެވެ.

މިރޭ ކުރިއަށްގެންދިޔަ ސައްލާގައި ސިއްހީ ދާއިރާއާއި ގުޅުންހުރި އިދާރާތަކުންވަނީ ބައިވެރިންނަށް މައުލޫމާތުދީފައެވެ. އެގޮތުން އެޗްޕީއޭ، ދަމަނަވެށި، ޝީ، އަދި ޔޫތް މިނިސްޓްރީގެ ކަމާގުޅުންހުރި ފަރާތްތަކުން މި ޕްރޮގްރާމްގައި މަޢުލޫމާތުދިނުމަށް ބައިވެރިވެފައިވެއެވެ.

ޔޫތް މިނިސްޓްރީން އިސްނަގައިގެން މިރޭ ފެށި މި ފޯރަމަކީ ސިލްސިލާކޮށް ކޮންމެ މަހަކުވެސް ކުރިއަށް ގެންދަން ނިންމާފައިވާ ފޯރަމެއްކަމަށް އެމިނިސްޓްރީން މަޢުލޫމާތުދެއެވެ.

ޔޫތު މިނިސްޓްރީން ދަނީ ޒުވާނުން ބާރުވެރިކުރުމަށް ތަފާތު އެކި ޙަރަކާތްތަކާއި މައުލޫމާތު ބައްދަލުވުންތަކާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން އިޖުތިމާއި އެކި ހަރަކާތްތައްވެސް ކުރިއަށްގެންދަމުންނެވެ.