ޚަބަރު

ބޭރުގެ ނުފޫޒުން މިއަދުވެސް ޤައުމުތަކަށް ރައްކާތެރިކަން ބޭނުންވޭ


މީގެ ފަސްދޮޅަސް އަހަރު ކުރިން އެކުލަވާލާފައިވާ ބެންޑުންގ އެއްބަސްވުމުގެ ސަބަބުން އަދިވެސް ދުނިޔޭގެ ޤައުމުތަކަށް ހިތްވަރު ލިބި، މިނިވަންކަމުގެ އުންމީދު އައުވެގެންދާކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.ދުންޔާ މިހެން ވިދާޅުވެފައި މިވަނީ ނަވާރަ ސަތޭކަ ފަންސާސް ފަސްވަނަ އަހަރު އިންޑޮނީޝިޔާގެ ބެނޑުންގގައި ބޭއްވި އޭޝިޔާއާއި އެފްރިކާގެ ޤައުމުތަކުގެ ބައްދަލުވުމަށް ފަސްދޮޅަސް އަހަރު ފުރުން ފާހަގަކުރަމުންދާ ދަނޑިވަޅެއްގައެވެ.ދުންޔާ ވިދާޅުވީ، މި އެއްބަސްވުމަކީ، ބޭރުގެ ނުފޫޒުން ޤައުމުތަކަށް ރައްކާތެރިކަން ލިއްބައިދޭ އެއްބަސްވުމެއްކަމަށެވެ.އެފްރިކާ އަދި އޭޝިޔާ ބައްރުގެ ޤައުމުތަކުގެ ގުޅުމާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ، މި ދެ ބައްރުގެ ޤައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުމެ އެއްބާރުލުން ދެމުންދާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.އަދި މިއީ، ހަމައެކަނި ދޭދޭ ޤައުމުތަކަށް ފައިދާކުރަނިވި ގުޅުމެއް ނޫންކަން ފާހަގަކުރައްވާ ދުންޔާ ވިދާޅުވީ، މި ގުޅުމުގެ ސަބަބުން ޤައުމުތަކަށް ކުރިމަތިވެފައިވާ އެތައް މައްސަލައަކަށް ޙައްލު ހޯދުމަށް ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިވެގެން ގޮސްފައިވާކަމަށެވެ.ބަންޑުންގ އެއްބަސްވުމުގައި ހިމެނޭ ދިހަ ނުކުތާގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބައެއް ކަންތައްތަކުގެ ތެރޭގައި، އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމާއި، އ.ދ.ގެ މަޤްޞަދާއި ވާޖިބު ދެމެހެއްޓުމާއި، ޤައުމުތަކުގެ މިނިވަންކަމާއި މުސްތަޤިއްލުކަމަށް އިޙްތިރާމްކުރުމާއި، ޤައުމުތަކުގެ ދާޚިލީ މައްސަލަތައް ޙައްލުކުރުމަށް އެ ޤައުމުތަކުގެ ސަރުކާރުތަކަށް ފުރުޞަތު ދިނުން ހިމެނެއެވެ. މީގެ އިތުރުންވެސް، ޤައުމެއްގެ ދާޚިލީ މައްސަލައެއް ޙައްލުކުރުމަށް އެހެން ޤައުމުތަކުން ބާރު ފޯރުވުމާއި ދުރުހެލިވުންވެސް މިއީ، މި އެއްބަސްވުމުގެ މައިގަނޑު އެއް ނުކުތާއެވެ.ނަވާރަ ސަތޭކަ ފަންސާސް ފަސްވަނަ އަހަރު ބެނޑުންގގައި ބޭއްވި ބައްދަލުވުމުގައި ފަންސަވީސް ޤައުމަކުން ބައިވެރިވިއެވެ.