ޚަބަރު

ޗައިނާގެ އެހީއާއެކު ހުޅުމާލެ ހޮސްޕިޓަލްގައި ލޮލުގެ ބަލިތަކަށް ޚާއްސަ ސެންޓަރެއް ޤާއިމުކުރަނީ


ލޮލުގެ ބަލިތަކަށް ފަރުވާކުރުމަށް، ހުޅުމާލެ ހޮސްޕިޓަލްގައި ޚާއްސަ ސެންޓަރެއް ޤާއިމުކުރުމާ ބެހޭގޮތުން ރާއްޖެއާއި ޗައިނާއާ ދެމެދު މަޝްވަރާކޮށްފިއެވެ. މިމަސައްކަތުގެ މަޝްވަރާކޮށްފައިވަނީ ޗައިނާގެ "ޒޮންގޝެންގ އޮފްތަލްމިކް" ސެންޓަރުގެ ވަފުދެއް ރާއްޖެއަށް ކުރި ދަތުރުގެ ތެރެއިންނެވެ.

1972ވަނަ އަހަރު ރާއްޖެއާއި ޗައިނާއާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރި ހިސާބުން ފެށިގެން ދެޤައުމުގެ ދެމެދުގައި ގާތް ގުޅުންތަކެއް ބަދަހިކޮށްފައިވެއެވެ. ވޭތުވެ ދިޔަ 45 އަހަރުގެ ތެރޭގައި ރާއްޖެގައި ޗައިނާ ސަރުކާރުގެ އެހީގައިވަނީ ބޮޑެތި ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި އައު ސަރުކާރާއެކު ދިވެހިރާއްޖޭގައި ތަރައްޤީގެ އިތުރު މަޝްރޫޢުތައް ހިންގުމަށް ތައްޔާރު ވަމުންދާކަމަށް ޗައިނާ ސަރުކާރުން މީގެ ކުރިންވަނީ ހާމަކުރައްވާފައެވެ.

ޗައިނާގެ މަދަދާއެކު ރާއްޖޭގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާ ޙިއްސާކުރައްވަމުން ޗައިނާ އެމްބަސީގެ ޑިރެކްޓަރ ޝާޝާވީ ވިދާޅުވީ، ޗައިނާއާއި ރާއްޖޭގެ ސަރުކާރު ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކަށް ފަރުވާކުރުމަށް ޚާއްސަ ސެންޓަރެއް ޤާއިމުކުރުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން ޗައިނާ ސަރުކާރުން ޚަރަދުކޮށްގެން ހުޅުމާލެ ހޮސްޕިޓަލުގައި ތަރައްޤީކުރާ ސެންޓަރު ތަރައްޤީކުރުމައްޓަކައި ހަދަންޖެހޭ ޕްރިލިމިނަރީ ތަޙުލީލުތަށް ކުރުމަށް ޗައިނާގެ ޒޮންގްޝެންގް އޮފްތަލްމިކް ސެންޓަރގެ ވަފުދެއް ރާއްޖެއައިސް ކަމާގުޅުންހުރި ވުޒާރާތަކާއެކު މަޝްވަރާކޮށްފައިވާކަން ޝާޝާވީ ފާހަގަކުރެއްވިއެވެ. އެގޮތުން މިސެންޓަރު ހިންގާ މީހުން ތަމްރީންކުރުމުގެ މަސައްކަތްކުރާނީ ޗައިނާގައި ލޮލުގެ ބަލިތަކަށް ފަރުވާކުރުމުގައި އެންމެ ބޮޑެތި ކުރިއެރުންތަށް ހޯދާފައިވާ "ޒޮންގްޝެންގ އޮފްތަލްމިކް" ސެންޓަރުންކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖެއާއި ޗައިނާ ގުޅިގެން ގިނަ މަޝްރޫޢުތަކެއް މީގެ ކުރިންވެސް ހިންގާފައިވޭ. ރާއްޖޭގެ ތަރައްޤީގެ ދުވެލި އަވަސްކުރުމަށް އަބަދުވެސް ޗައިނާއިން މަދަދުވެރިވެދޭނަން. އެގޮތުން ލޮލުގެ ބަލިތަކަށް ފަރުވާކުރުމަށް ޚާއްސަ ސެންޓަރެއް ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމުކޮށް ހިންގުމަށް ހަވާލުކޮށްފައިވަނީ ޗައިނާގައި ލޮލުގެ ބަލިތަކަށް ފަރުވާކުރުމުގައި އެންމެ ބޮޑެތި ކުރިއެރުންތަށް ހޯދާފައިވާ ޒޮންގްޝެންގް އޮފްތަލްމިކް ސެންޓަރާ. މިކަމުގެ ސަބަބުން ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް ބެލެވޭ." ޝާޝާވީ ވިދާޅުވިއެވެ.

ހަތަރު މަރުހަލާއަކަށް ބަހާލައިގެން ތަރައްޤީކުރާ މިލޮލުގެ ބަލިތަކަށް ޚާއްސަ ސެންޓަރުގެ މަޢުލޫމާތު ހިއްސާކުރައްވަމުން "ޒޮންގްޝެންގް އޮފްތަލްމިކް" ސެންޓަރގެ ޑެޕިއުޓީ ޑިރެކްޓަރ ވެއިރޮންގް ޗެންގް ވިދާޅުވީ، މި މަސައްކަތުގެ ފުރަތަމަ މަރުޙަލާގައި ހުޅުމާލެ ހޮސްޕިޓަލަށް ވޭތުވެ ދިޔަ އަހަރުތަކުގައި ހަދިޔާކޮށްފައިވާ ވަސީލަތްތަކާއި އައު ވަސީލަތްތަކާއިއެކު ސެންޓަރުގެ ވަސީލަތްތަށް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ.

އަދި މިމަސައްކަތުގެ ދެވަނަ މަރުހަލާގައި ރާއްޖޭގެ ތަޖުރިބާކާރުން އިތުރަށް މިމަސައްކަތަށް ތަމްރީނުކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާއިރު، ތިންވަނަ އަދި ހަތަރުވަނަ މަރުހަލާގައި ޗައިނާގެ ތަޖުރިބާކާރުން ރާއްޖެއައިސް ހުޅުމާލެ ހޮސްޕިޓަލުގައި ލޮލުގެ އޮޕަރޭޝަންތައްކޮށް ތަޢުލީމީ މިންގަނޑު ހަރުދަނާކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަން ވޮއިރޮންގ ފާހަގަކުރެއްވިއެވެ. މިސެންޓަރު ފުރަތަމަ ހުޅުވާއިރު ޚިދުމަތް ދިނުމަށް ނިންމާފައިވަނީ ރާއްޖެއިން ފެންނަ ލޮލުގެ 5 ބާވަތެއްގެ ބައްޔަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މި ޕްރޮޖެކްޓް 4 މަރުހަލާއަކަށް ކުރިއަށްގެންދާއިރު، އަޅުގަނޑުމެން މިހާރުވަނީ ހުޅުމާލެ ހޮސްޕިޓަލްބަލާ މި ހޮސްޕިޓަލާއި، ހެލްތް މިނިސްޓްރީގެ ބޭފުޅުންނާއިއެކުވެސް މަޝްވަރާކޮށްފައި. އެގޮތުން މިސެންޓަރުން ފުރަތަމަ ފަރުވާދިނުމަށް ނިންމާފައިވަނީ 5 ބައްޔަކަށް. އެއީ ކެޓަރެކްޓް، ގްލޫކޯމާ ބަލި އަދި މްޓްރޯޕިއާ ފަދަ ބަލި. މިބަލިތަކަށް ޙާއްސަ ސަރޖަރީތަށް ހެދޭނެ އިންތިޒާމުވެސް އަޅުގަނޑުމެން ހަމަޖައްސާނަން." ވެއިރޮންގް ޗެންގް ވިދާޅުވިއެވެ.

ޗައިނާއާއި ރާއްޖެ ގުޅިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބާއްވާނެކަމަށް ޗައިނާ އެމްބަސީއިން މަޢުލޫމާތުދެއްވައެވެ.