ޕާޓީތަކަށް ދޫކުރާ ފައިސާގެ ފަންސާސް ފަހެއް އިންސައްތަ، މަޖިލީހުގެ އިންތިޚާބުގައި ޕާޓީތަކަށް ވޯޓުލިބިފައިވާ މިންވަރަށް ބަލައިގެން ދޫކުރާގޮތަށް ޤާނޫނަށް އިސްލާޙްގެނައުމަށް އެލެކްޝަންސް ކޮމިޝަނުން ހުށައަޅައިފިއެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޢާއްމު އިންތިޚާބުތަކުގެ ޤާނޫނަށް ޚިޔާލު ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ފެށްޓެވި މަޝްވަރާ ބައްދަލުވުންތައް ފަށްޓާވައިދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ދޫކުރާ ފައިސާދޭ ގޮތް ބަދަލުކުރަން އެކޮމިޝަނަށް ފެނިވަޑައިގަންންވާކަމަށެވެ.
ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ޕާޓީތަކަށް ދައުލަތުގެ ބަޖެޓުގެ ސުމެއް ޕޮއިންޓު އެކެއް އިންސައްތައާ ސުމެއް ޕޮއިންޓު ދޭއް އިންސައްތައާ ދެމެދުގެ ޢަދަދެއްގެ ފައިސާ ދޫކުރަންވާނޭކަމަށް ބުނެފައިވީނަމަވެސް، ޢާންމުކޮށް ދޫކުރަނީ ސުމެއް ޕޮއިންޓު އެކެއް އިންސައްތައަށްވުމުން ބަޖެޓުން ޕާޓީތަކަށް ދޫކުރާނީ ސީދާ ސުމެއް ޕޮއިންޓު އެކެއް އިންސައްތަކަމަށް ކަނޑައެޅުމަށްވެސް އެކޮމިޝަނަށް ފެންނަކަމަށެވެ.
މިއާއެކު މިހާރު އަމަލުކުރަމުންދާ ގޮތަށް، ވަކި ޢަދަދަކަށް މެންބަރުން ތިބޭ ޕާޓީތަކަށް ފައިސާ ދޫކުރުމުގެ ބަދަލުގައި ޕާޓީތަކަށް ދައުލަތުން ދޫކުރާ ފައިސާގެ ފަނަރަ އިންސައްތަ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ޕާޓީއަކަށް ހަމަހަމައަށް ދޭންފެންނަކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން، ޕާޓީތަކަށް ދޫކުރާ ފައިސާގެ ތިރީސް އިންސައްތަ، ދިހަ ހާސްމެންބަރުން ހަމަވާ ޕާޓީތަކަށް ދޫކުރުމަށާއި، ފަންސާސް ފަހެއް އިންސައްތަ މަޖިލިސް އިންތިޚާބުގައި ވޯޓުލިބިފައިވާ މިންވަރަށް ބަލައިގެން ދޫކުރާގޮތަށް ބަދަލުކުރުމަށް އީސީން ވަނީ ހުށައަޅާފައެވެ. ޝަރީފް ވިދާޅުވީ އެގޮތަށް ބަދަލުކުރުމުގެ މަޤްސަދަކީ ކުދި ޕާޓީތަކުންވެސް އިންތިޚާބުގައި ވާދަކުރަން ބާރުއެޅުންކަމަށެވެ.
"މިހެން ހެދީމަ ކުދި ޕާޓީތަކުންވެސް ކެނޑިޑޭޓުން ނެރުމަށް ބާރުއަޅަން. އެއީ ކޮންމެހެން އެހޮވޭ ކެނޑިޑޭޓަކަށެއް ނޫން. ހަމަ ވޯޓު ލިބޭ އަދަދަށް އެޕާޓީއަކަށް ފައިސާ ދޭގޮތަށް، މީ އަޅުގަނޑުމެންގެ ސަޖެސްޝަން. އެހެންމީމަ ސިޔާސީ ޕާޓީތަކުން މިކަމާމެދު ދެކޭގޮތް އަޅުގަނޑުމެން ބަލާލަން ބޭނުން" ޝަރީފް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުން މަންދޫބުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ކޮންމެ މީޑިއާއަކުން އެކަކު ބައިވެރިކޮށްގެން އީސީން ފެށި ސިލްސިލާ ބައްދަލުކުރެއްވުމުގައި ޕާޓީތަކުންނާއި އެން.ޖީ.އޯތަކުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ އިސްނެންގެންވުން ފާހަގަކުރައްވައި، ކޮމިޝަނުން ހުށައެޅި ޚިޔާލުތަކާއި ގުޅޭގޮތުން ޚިޔާލު ހުށައަޅާފައެވެ.